ޚަބަރު

ސޮސިއެޑާޑް އަތުން ބާސެލޯނާ ބަލިވެއްޖެ


ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން 2-1 ނަތީޖާއަކުން ބާސެލޯނާ ބަލިވެއްޖެ އެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ނަމަވެސް މެޗުގެ 32 ވަނަ މިނިޓުގައި ސޮސިއެޑާޑްގެ މިކޭލް އޮޔަރްޒަބާލް ވަނީ އެ ޓީމަށް ލިބުނު ފުރަތަމަ ފުރުސަތުގައި ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 1-0 ގެ ނަތީޖާއަކުން ސޮސިއެޑާޑް ކުރީގައި އޮތްއިރު, މި ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ އެ ޓީމުގެ ކުރިއަށް ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން ޑެނީ އޮލްމޯ އާއި ފެރާން ޓޮރޭސްގެ ބަދަލުގައި މާކަސް ރަޝްފޯޑް އާއި ރޮބަޓް ލެވަންޑޯސްކީ ވަނީ ކުޅެން އަރުވާފަ އެވެ.

މި ބަދަލުތަކާއިއެކު ބާސެލޯނާއިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް މެޗުގެ 70 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލަމީން ޔަމާލް ދިން ޕާހަކުން މާކަސް ރަޝްފޯޑް އެވެ.

ނަމަވެސް އޭގެ މިނިޓެއް ފަހުން ސޮސިއެޑާޑްގެ ގޮންޒާލޯ ގުއޭޑެސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ސޮސިއެޑާޑްގެ ކާލޮސް ސޮލާ ޕެޑްރީ އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މި ނަތީޖާ އާއިއެކު ބާސެލޯނާއަށް 20 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ނަމަވެސް ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދުވާ ފަރަގު ވަނީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ. ސޮސިއެޑާޑް އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ޖުމްލަ 24 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ މަގާމް ލިބިފަ އެވެ.