ޚަބަރު

ޤައުމުތަކަށް ކަނޑައަޅާފައިވާ ސްޓައިޕަންޑް މުރާޖަޢާ ކުރަނީ


  • ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި %75 ދަރިވަރުންނަށް ފައިސާ ދޫކުރެވޭ

  • ސްޓައިޕަންޑް މުރާޖަޢާ ކުރަނީ ދިރިއުޅުމުގެ ޚަރަދަށް އަންނަ ބަދަލަށް ރިޢާޔަތްކޮށް

ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ ތަރުޖަމާނު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ، އެ ވުޒާރާގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމުތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ 2 މަސް ދުވަސް ކުރިން ފަށާ ކަމަށެވެ. އަދި މުއްދަތަށް ފައިސާ ދިނުމުގައި ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި ނަމަވެސް، ބައެއް ފަހަރު ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އަންނަނީ ވުޒާރާގެ ފަރާތުން ބަލަންޖެހޭ ކަންކަށް ބެލުމަށް ވަގުތު ހޭދަވާތީ ކަމުގައެވެ. އެހެންކަމުން ދުރާލާ ލިޔުންތައް ހޯދައި، ވުޒާރާއާއި ޙިއްސާކުރުމުން މިފަދަ މައްސަލަތައް ޙައްލުކޮށް އަވަހަށް ފައިސާ ދޫކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަތީ ތަޢުލީމާއި ބެހޭ ވަޒީރު ވިދާޅުވީ، މިވީ 4 އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ވުޒާރާގެ ފަރާތުން ފައިސާ ދޫކުރުމުގެ ކަންކަން ގެންގޮސްފައިވާ ގޮތުން، ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ގިނަ ދަރިވަރުންނަށް ފައިސާ ދެވޭ ކަމަށެވެ.

" މިހާރު އުސޫލުގައި ކަމެއް ކަނޑައެޅިފައި އޮންނަ ކަމަށްވަންޏާ ދެ ކަމެއް ޔަޤީން ކުރަން. އެގޮތުން ކިޔަވަން ދޭތޯ ބެލުމާއި، ކުއްޖާ ދޭ މައުލޫމާތު ކަށަވަރު ކުރުން. ލޯނު ޕްރޮގްރާމްވެސް އެހެން ޕްރޮގްރާމުތަކުގައިވެސް ފައިސާ ދޫކުރުމުގެ ކަންކަން ދެމަސް ކުރިން އެބަފަށަން. ދެން ހަމަ ދެމަސް ކުރިން ފަށައިގެން އައިސް، ގިނަ ކުދިންނަށް 75 އިންސައްތަ ވަރު ޔަޤީންކަމާއެކު ފައިސާ ދެވޭ އޮންނަ މުއްދަތުގައި. " ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހައިދަރު ވިދާޅުވީ، ދަރިވަރުންނަށް އާންމުކޮށް ފައިސާ ދިނުމުގައި އެ ވުޒާރާއިން މަސައްކަތް ކުރަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ކަމަށެވެ. އަދި ހުރިހާ ލިޔެކިއުމެއް ފުރިހަމަ ނުވާނަމަ، ފައިސާ ދޫނުކުރެވޭ ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ފައިސާ ދޫކުރުމުގައި ބައެއް ފަހަރު ޤައުމުތަކަށް ކަނޑައަޅާފައިވާ ސްޓައިޕެންޑުން ނުފުދޭ މައްސަލަވެސް ދިމާވާ ކަމަށެވެ. އެފަދަ މައްސަލަތައް ދިމާވަނީ، ވަކި ޤައުމަކަށް ކަނޑައަޅާފައި ހުންނަ ސްޓައިޕެންޑް ރޭޓަށް އެހެން ޤައުމެއްގައި ދަރިވަރު އުޅެން ޖެހުމުން ކަމަށް ވިދާޅުވިއެވެ. ސަރުކާރުން މިހާރު ސްޓައިޕެންޑް ރޭޓުތައް ކަނޑައަޅާފައިވަނީ ވަކި އަދަދުތަކަކަށް ކަމަށް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކަށް ޙައްލެއް ގެނައުމަށް މިހާރު ސްޓައިޕެންޑް ރޭޓު 7 އަހަރު ފަހުން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަތީ ތަޢުލީމާއި ބެހޭ ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

"ސްޓައިޕެންޑްތައް މުރާޖަޢާ ކުރަން އެބަ ފަށަން. މިހާރު 7 ވަރަކަށް އަހަރުވެއްޖެ ކަންނޭނގެ އެއަށް ބަލާތާ. މިހާރު ދިރިއުޅުމުގެ ޚަރަދުތައް ކޮންމެ ޤައުމެއްގައި އިތުރުވަމުން އަންނަނީ. އެހެންވީމަ، މުރާޖަޢާ ކުރުމުގެ މަރުހަލާ މިހާރު ފަށައިގެން މިއުޅެނީ. މިކަން ކުރީމަ އެޤައުމެއްގައި ދިރިއުޅެން ބޭނުންވާ އަދަދަކަށް ފައިސާ ދެވޭނެ. އެއީވެސް އަޅުގަނޑުމެން ކުރަން ނިންމައިގެން ފަށައިގެން އުޅޭ މަސައްކަތެއް. " ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހައިދަރު ވަނީ ދަރިވަރުންނަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް، ދަރިވަރުންނަށް ވުޒާރާއާއި ގުޅޭނެ ގޮތަށް ޚާއްޞަ ނަމްބަރުތަކެއް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އަހަރު ތެރޭ 50 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުން އުޅޭ ޤައުމުތަކަށް ޚާއްޞަކޮށްގެން ނަންބަރުތައް ހަމަޖައްސާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތިން 25 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުން އުޅޭ ޤައުމުތަކަށްވެސް އެގޮތަށް ގުޅޭނެ ގޮތް މަގުފަހި ކުރުމުގެ މަސައްކަތް ކުރަމުންދާކަން މަތީ ތައުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި މި ނަންބަރުތަކަކީ، 24 ގަޑިއިރު ގުޅައި މެސެޖުކޮށް ޚިދުމަތް ލިބޭނެ ނަންބަރުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.