ރިޓަޔަރކުރުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެކަން އެންގުމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެދިއްޖެއެވެ.
ސިވިލް ސަރވިސްގެ ވަޒީފާއިން ރިޓަޔަރކުރުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެމީހަކަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭގޮތަށް ސިވިލް ސަރވިސްގެ ޤަވާއިދު އިސްލާހުކުރީ މިދިޔަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވިދާޅުވީ ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދާއި، ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު އަދި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ޑިސެންބަރު 2025 ގައި ގެެނެސްފައިވާ އިޞްލާޙުތަކުގެ ދަށުން ރިޓަޔަރމަންޓް ޢިނާޔަތް ލިބޭ ގޮތަށް ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރކޮށްފައިވާ ފަރާތެއް، އަލުން ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރަން ފަށާފައިވާނަމަ، އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި މަހުން މަހަށް ދެވޭ ރިޓަޔަރމަންޓް އިނާޔަތް މެދުކަނޑާލެވޭ ގޮތަށްވަނީ ކަނޑައަޅާފައިކަމަށެވެ.
އެގޮތުން ރިޓަޔަރކުރުމަށްފަހު، ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާ ފަރާތްތަކަށް، މިމަހުން ފެށިގެން މަހުން މަހަށް ދެވޭ ރިޓަޔަރމަންޓް އިނާޔަތް ދިނުން ވަނީ މެދު ކަނޑާލާފައިއެވެ. އަދި މިފަދަ ފަރާތްތަކަށް އަލުން މަހުން މަހަށް ރިޓަޔަރމަންޓް އިނާޔަތް ދޭން ފަށާނީ، ފަހުން އަދާކުރި ވަޒީފާ ނުވަތަ މަގާމުން ވަކިވާ މަހާއި ޖެހިގެން އަންނަ މަހުން ފެށިގެންކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއްޖެއެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ ރިޓަޔަރކުރުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރާ ފަރާތްތަކުން ނުވަތަ އެފަދަ ވަޒީފާއަކުން މި މަހުން ފެށިގެން ވަކިވާ ފަރާތްތަކުން، މިކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން އަންގަންވާނެކަމަށެވެ.
ރިޓަޔަރކުރުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިދާރާއާއި، އެމްއެންޑީއެފާއި، ކަސްޓަމްސް އަދި އިމިގްރޭޝަނާއި، ކަރެންޝަންސް ފަދަ އިދާރާތައް ހިމެނެއެވެ. ކުރިން އެފަދަ އިދާރާތަކުން ރިޓަޔަރކުރުމަށްފަހު އިންތިޚާބީ މަޤާމުތަކަށް އަންނަ މީހުންނަށްވެސް ޕެންޝަން އެލަވަންސް ދިޔައީ ލިބެމުންނެވެ.
ނަމަވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ބައެއް މަޤާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު އެ ބޭފުޅުންނަށް މަޤާމުގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އެލަވަންސްވެސް ލިބޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ހައްލެއް ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސަރވިސްގެ ޤަވާއިދުތައް ބަދަލުކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެއާއެކު ދާދިފަހުން ވަނީ، ވަޒީފާއިން ރިޓަޔަރކުރުމަށްފަހު އެހެން މަޤާމަކަށް އައްޔަން ކުރާ ނުވަތަ އިންތިޚާބުވާ މީހުންނަށް ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް އުޞޫލަށް ބަދަލު ގެނެސްފައެވެ.