ޚަބަރު

ފުރަތަމަ މޮޅާއެކު ބޫޓާނަށް އުއްމީދެއް


ސާފް ވިމެންސް ޗެމްޕިއަންޝިޕް 2026 ގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މޮޅު ހޯދައި، ބޫޓާނުން މުބާރާތުގެ ޓައިޓަލް ރޭހުގައި ވާދަކުރުމުގެ އުއްމީދެއް ހޯދައިފިއެވެ.

މުބާރާތުގައި ބޫޓާނުން ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ ވީ 1-1 އިން އެއްވަރެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެވީ 3-3 އިން އެއްވަރެވެ.

މުބާރާތުގައި ބޫޓާނުގެ ތިންވަނަ މެޗުގައި ނުކުތީ ސްރީލަންކާއާ ދެކޮޅަށެވެ.

މި މެޗުން ލަންކާގެ މައްޗަށް ބޫޓާނުން ވަނީ 1-5 ގެ ފަރަގުބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ.

މެޗުގެ ކުރީކޮޅު ދެ ޓީމުގެ ކުޅުން ވެސް ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ފެނިގެންދިޔައީ އެންމެ ލަނޑެކެވެ. ބޫޓާނަށް މި ލަނޑު ކާމިޔާބުކޮށްދީ މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ސުނީތާ ރާއީ އެވެ.

ލީޑުގައި އޮވެ ބޫޓާނުން ދެވަނަ ހާފު ފެށިއިރު، މި ހާފުގައި ވެސް ފުރަތަމަ ލަނޑު ޖެހީ ބޫޓާނުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝެރިން ޔަންޑެންއެވެ.

ބޫޓާނުގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑަކީ ލަންކާގެ ދެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ. ބޫޓާނުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕެމާ ކުއަންޒަންގެވެ.

މެޗުގައި ލަންކާއިން ޖެހި ހަމައެކަނި ލަނޑަކީ، އެ ޓީމުގެ ތަރިދީ ޕަނިއްކިޔަލަގެ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު ބޫޓާން ވަނީ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. ބޫޓާނަށް ތާވަލުގައި ތިން މެޗުން ފަސް ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް އިންޑިއާއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ދެވަނައިގައި އޮތް ޕާކިސްތާނާއި އެއްވަނައިގައި އޮތް ބަންގްލަދޭޝް އަށް ވެސް، ތިން މެޗުން ހަތް ޕޮއިންޓު ލިބިފައިވެއެވެ.

މެޗުން ބަލިބި ލަންކާ އޮތީ އެއް ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.