ޚަބަރު

ބޭސްފަރުވާގެ އަގު ކޮންޓްރޯލްކުރުމަށް ޤާނޫނަށް ބަދަލު ގެންނަންޖެހޭ


  • ބޭސްފަރުވާ ފޯރުކޮށްދޭ ފަރާތްތައް ޒިންމާދާރުކުރުވޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭ

  • ފިޔަވަޅު ނާޅާނަމަ އާސަންދައިން ބޭރުން ކުރާ ޚަރަދު އާސަންދައިންކުރާ ޚަރަދަށްވުރެ 2031 ވަނަ އަހަރު އިތުރުވާނެ

  • ބޭސްފަރުވާގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއްވަނީ ފާހަގަވެފައި

އާސަންދައިގެ ބޭރުން ބޭސްފަރުވާއަށް ކުރާ ޚަރަދު އިތުރުވާތީ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ޒިންމާދާރުކޮށް، ޚިދުމަތުގެ އަގުތައް ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވައިފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުއްވާފައިވާ އާސަންދަ ސްކީމްގެ ބޭރުން ބޭސްފަރުވާއަށް ދައުލަތުންކުރާ ހޭދައާއި ގުޅޭ ޕަރފޯމަންސް އޮޑިޓްގައި ވަނީ އާސަންދައިން ބޭސްފަރުވާއަށް ކުރާ ޚަރަދުތަކަށްވުރެ އާސަންދައިގެ ބޭރުންކުރާ ހޭދަ 2031 ވަނަ އަހަރު އިތުރުވެގެންދާނެކަމަށް އަންދާޒާކޮށްފައެވެ.

ރާއްޖޭގައި ބޭސްފަރުވާގެ ޚަރަދުތައް ދައުލަތުން ހަމަޖައްސަމުން ދަނީ ޤައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމުކަމުގައިވާ އާސަންދައިގެ ތެރެއިންނާއި، އާސަންދައިގެ ބޭރުން ބޭސްފަރުވާއަށް އެހީދެވޭ އެކި ނިޒާމުތަކުގެ ތެރެއިންނެވެ. އާސަންދައިގެ ބޭރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ އެހީގެ ޕްރޮގްރާމްގެ ތެރެއިން، ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް އެމުވައްސަސާތަކުގެ ބަޖެޓުންކުރާ ޚަރަދާއި، އެހެން މުވައްސަސާތަކުގެ ބަޖެޓުން ހެލްތު އިންޝުއަރެންސަށްކުރާ ޚަރަދުގެ އިތުރުން ބޭސްފަރުވާގެ ގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާއަށްކުރާ ޚަރަދު ހިމެނެއެވެ.

އާސަންދައިން ބޭރުން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ އެންސްޕާގެ އެހީގެ ޕްރޮގްރާމުގެ ތެރެއިން

މިއިންތިޒާމުތަކުގެ ތެރެއިން 2019 އިން ފެށިގެން 2024 ހުގެ ނިޔަލަށް އާސަންދައިގެ ބޭރުން 3.02 ބިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ބޭސްފަރުވާއަށް ޚަރަދުކޮށްފައެވެ. މީގެތެރެއިން އެންމެ ބޮޑު ހޭދައެއްކުރާކަމަށް އޮޑިޓްރިޕޯޓުގައި ފާހަގަކޮށްފައިވަނީ 51 އިންސައްތައާއެކު އެންސްޕާއިންކުރާ ޚަރަދެވެ. ސިފައިންނާއި ފުލުހުންނަށް އާސަންދައިގެ ބޭރުން އެމުވައްސަސާތަކުގެ ބަޖެޓުން މިމުއްދަތުގެ ތެރޭގައިކޮށްފައިވާ ޖުމްލަ ޚަރަދުގެ 40 އިންސައްތަ ވަނީ ޚަރަދުކޮށްފައެވެ. އެހެނިހެން މުވައްސަސާތަކުގެ ހެލްތު އިންޝުއަރެންސަށް ކުރި ހޭދަ 6 އިންސައްތައިގައި ހުރިއިރު، ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެމުއްދަތުގައި ކުރި ހޭދަވަނީ ޖުމްލަ ޚަރަދުގެ 3 އިންސައްތައެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން ކޮންމެ އަހަރަކުވެސް އާސަންދައިގެ ބޭރުން ބޭސްފަރުވާއަށްކުރާ ޚަރަދުދަނީ 28 އިންސައްތަ އިތުރުވަމުންނެވެ. މިކަމަށް ފިޔަވަޅުތަކެއް ނާޅާ މިރޭޓުގައި ކުރިއަށްދާނަމަ، 2031 ވަނަ އަހަރު އާސަންދައިން ކުރާ ޚަރަދަށްވުރެ އާސަންދައިން ބޭރުން ބޭސްފަރުވާއަށް ކުރާ ޚަރަދުތައް އިތުރުވާނެކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ އަންދާޒާކުރައްވާފައެވެ. މިހާރުވެސް އަހަރަކު 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ އާސަންދައިން ބޭސްފަރުވާއަށް ހޭދަކުރެއެވެ.

އާސަންދައިގެބޭރުން ބޭސްފަރުވާއަށްކުރާ ޚަރަދުތައް އިތުރުވާކަމަށް ބެލެވޭ ސަބަބުތަކުގެ ތެރޭގައި އާސަންދަ ސްކީމުގެ ބޭރުން ބޭސްފަރުވާއަށްކުރާ ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ޚިދުމަތުގެ އަގު ބޮޑުވުމާއި، އެކި އިދާރާތަކުން ބޭސްފަރުވާގެ އެހީ ފޯރުކޮށްދޭއިރު އެމަޢުލޫމާތު އިދާރާތަކުގެ މެދުގައި ބަދަލުކުރެވޭނެ އިންތިޒާމެއް ޤާއިމުކޮށްފައިނުވާކަންވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން މުޖުތަމަޢުގައި ދާއިމީ ބޮޑެތި ބަލިތައް އިތުރުވެ، އެހީއަށް އެދޭ ފަރާތްތަކުގެ ޢަދަދު އިތުރުވުމާއި، އެހީ ފޯރުކޮށްދިނުމުގެ ކަންކަން ރާވާ ހިންގުމުގެ ނިޒާމުގައި އިންޓަރނަލް ކޮންޓްރޯލްތައް ބަލިކަށިވުމުގެ ސަބަބުން، ނަހަމަގޮތުގައި އެކަމުގެ ބޭނުންކުރުމަށް މަގުފަހިވެފައިވާކަންވަނީ ފާހަގަކޮށްފައެވެ.

ޚަރަދު ކުޑަކުރުމަށް ކުރެވޭނެ ކަންކަމުގެ ލަފާވަނީ ދެއްވާފައި

އޮޑިޓް ރިޕޯޓުގައިވަނީ މިކަންކަން ހައްލުކުރުމަށް ލަފާދެއްވާފައެވެ. އެގޮތުން ބޭސްފަރުވާއަށް ދައުލަތުން ކުރާ ޚަރަދު ކުޑަކުރުމަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ޒިންމާދާރުކުރުވުމާއި، ޚިދުމަތުގެ އަގު ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށްވަނީ ލަފާދެއްވާފައެވެ. އަދި ބޭސްފަރުވާއަށް ސިފައިންނާއި ފުލުހުންނާއި އެޢާއިލާތަކަށް މިހާރު ދެމުން އަންނަ ބޭސްފަރުވާގެ ސްކީމް މުރާޖާކޮށް، ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދު ކޮންޓްރޯލްކުރެވޭނެހެން ސިޔާސަތުތައް އެކުލަވާލުމަށާއި، އިދާރާތަކުގެ މެދުގައި ބޭސްފަރުވާއަށް ކުރެވޭ ޚަރަދުތަކާއި ކުރެވޭ ފަރާތް އެނގެން ހުންނާނެ ނިޒާމެއް ޤާއިމުކުރުމަށްވަނީ ލަފާދެއްވާފައެވެ.

ބިލް ހުށައަޅަމުން ނުދާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި ހުއްދަ ނުހޯދާ ކޮށްފައިވާ ޚަރަދުތައް ރީއިމްބަރސްކޮށްދެމުންދާ ސަބަބު ދެނެގަނެ އިންސާފުވެރި ޚިދުމަތެއް ދެވޭނެ ނިޒާމެއް ޤާއިމުކުރުމަށްވަނީ އަންގަވާފައެވެ. މީގެއިތުރުން ކޮންމެހެން ބޭސްފަރުވާއަށް އެހީ ބޭނުންވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އަމާޒުކޮށް ޓާގެޓެޑް ސަބްސިޑީ ތަޢާރަފްކޮށް ބޭސްފަރުވާގެ އެހީގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވަނީ ކަމާބެހޭ ފަރާތްތަކަށް ލަފާދެއްވާފައެވެ.