އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ނުވަތަ އެ މުބާރާތުގައި ދެން ނުކުޅެން ސެނެގާލްގެ ފޯވަޑް ސާދިއޯ މާނޭ ނިންމާފައިވާ ނިންމުމަކީ މުޅި ގައުމު ދެކޮޅު ކަމެއް ކަމަށް ކޯޗު ޕާޕާ ތިއޯ ބުނެފި އެވެ.
މޮރޮކޯ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސެނެގާލް ހޯދި އިރު މުބާރާތުގެ މޮޅު ކުޅުންތެރިއަކީ މާނޭ އެވެ. މިއީ ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅޭ ލިވަޕޫލްގެ ކުރީގެ ފޯވަޑް މި ތަށި ހޯދި ދެ ވަނަ ފަހަރެވެ. ފައިނަލް މެޗުގެ ކުރިން އޭނާ ބުނީ މި މުބާރާތުން ދެން ނުފެންނާނެ ކަމަށެވެ.
"މިއީ މޮރޮކޯގެ ހުރިހާ ރައްޔިތުން ވެސް، މުޅި ގައުމު ވެސް، ހުރިހާ ކުޅުންތެރިން ވެސް، އޮފިޝަލުން ވެސް، ފުޓްބޯޅަ ފެޑަރޭޝަން ވެސް އަހަރެން ވެސް ދެކޮޅު ނިންމުމެއް. އަހަރެން އެދެނީ އޭނާގެ މި ނިންމުން ބަދަލު ކުރަން،" ކޯޗު ބުންޏެވެ.
ނަމަވެސް 33 އަހަރުގެ މާނޭ މިކަމާމެދު ވަކި އެއްޗެއް ނުބުނެ އެވެ.
"ގައުމު ތަމްސީލު ކުރުމަކީ ވަރަށް ބޮޑު ފަހުރެއް. އެކަމަކު އަހަރެންނަށް ހީވަނީ ކޮންމެވެސް ދުވަހަކުން މިކަން ވެސް ހުއްޓާލަން ޖެހޭނެހެން. އެއީ ފުޓްބޯޅައިގެ އުސޫލު. އެހެންވީމާ އަހަރެން ގަސްތު ކުރަނީ ކުރިއަށް އޮތް ފައިނަލަށް ފަހު އެފްރިކާ ކަޕުގައި ނުކުޅެން،" މާނޭ ބުންޏެވެ.
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ މާނޭގެ ނިންމުން ބަދަލު ކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވަނީ އެފްރިކާ ކަޕްގެ ތަށި ދެ ވަނަ ފަހަރަށް ސެނެގާލް އަށް ލިބުމުގެ އުފަލުގައި އިއްޔެ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި މުޅި ގައުމު އުފާފާޅު ކުރަން ފުރުސަތު ދީފަ އެވެ.