މިއަހަރު ނިމޭއިރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު 111.4 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ލަފާކޮށްފިއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއެކު އަންނާނެ ކުރިއެރުމެއް ކަމަށް އެބޭންކުން ފާހަގަކުރެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ވަނީ 105.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. 2024 ވަނަ އަހަރު މި އަދަދު ހުރީ 100.4 ބިލިޔަން ރުފިޔާގައެވެ. މިއީ ގާތްގަނޑަކަށް 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ޤައުމީ އުފެއްދުންތެރިކަން ބޮޑު އިންސައްތައަކުން ކުރިއަރާފައިވާއިރު، މިއަހަރު ނިމޭއިރުވެސް މިއަދަދު ބޮޑު ތަނުން އިތުރުވާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން މި ހިނގާ 2026 ވަނަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 4.8 އާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއެރުމާއެކު، ރިއަލް ޖީޑީޕީ 111.4 ބިލިޔަން ރުުފިޔާއަށް އަރާނެކަމަށް މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ހިސާބުކުރާ ނޮމިނަލް ޖީޑީޕީވެސް މިއަހަރުގެ ތެރޭގައި އިތުރުވާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 116.3 ބިލިޔަން ރުފިޔާގައި ހުރިއިރު، މިއަހަރު ނިމޭއިރު މިއަދަދު 124.4 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ.
އެމްއެމްއޭއިން ވިދާޅުވީ، މިކުރިއެރުން ލަފާކޮށްފައިވަނީ، އުފެއްދުންތެރިކަމުގައި މައިގަނޑު ގޮތެއްގައި ހިއްސާކުރާ ސިނާއަތްތައްކަމަށްވާ ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، މުވާސަލާތީ ޚިދުމަތްތަކާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް އަންނާނެ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މިއަަހަރުގެ ތެރޭގައި ރާއްޖެއަށް 2.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވުމަކީވެސް މިއަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު އިތުރުވާނެ ކަމެއް ކަމަށްވެސް އެމްްއެެމްއޭއިން ވިދާޅުވެއެވެ.
ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑަކީ، ގައުމެއްގެ ބޯޑަރުގެ އެތެރޭގައި އުފައްދާ ހުރިހާ އުފެއްދުންތަކެކެވެ. ޤައުމީ އުފެއްދުންތެރިކަން އެކުލެވިގެންވަނީ ބާޒާރުގައި ވިއްކުމަށް އުފައްދާ މުދަލާއި ޚިދުމަތްތަކުގެ އިތުރުން، ބާޒާރުގައި ނުވިއްކި ނަމަވެސް ސަރުކާރުން ފޯރުކޮށްދޭ ދިފާއީ ޚިދުމަތްތަކާއި ތައުލީމީ ޚިދުމަތްތައް ފަދަ ބައެއް މުހިންމު ޚިދުމަތްތަކުގެ މައްޗަށެވެ.