ޚަބަރު

އަޒީބެއަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ


  • ފަރުވާދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި

  • އެދެނީ އެންމެންގެ ހެޔޮ ދުޢާއަށް

އައްޝައިޚު އަބްދުލް އަޒީޒު ހުސައިން، (އަޒީބެ)އަށް ސްޓްރޯކެއް ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

އަޒީބެެއަކީ ދީނީ އެކިއެކި ދަރުސްތަކާއި ނަސޭހަތް ދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެކި މިސްކިތްތަކުގައި ވެސް އަޒީބެ އަންނަނީ ދަރުސް ދެއްވަމުންނެވެ. އަދި އަޒީބެގެ އޭނާގެ ދަރުސްތަކަކީ އާންމުންގެ މަގުބޫލުކަން ލިބިފައިވާ ދަރުސްތަކެކެވެ.

އަޒީބެގެ އާއިލާއިން ވިދާޅުވީ އައިޖީއެމްއެޗުގައި އަޒީބެއަށްފަރުވާދެމުން އަންނަަކަމަށާއި، އެދެނީ ވީހާވެސް ގިނަ ބައެއްގެ ހެޔޮ ދުއާކަމަށެވެ.

އަޒީބެ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި ވެސް ހިދުމަތް ކުރައްވާފައެވެ. އަދި އަރަބިއްޔާ ސްކޫލްގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވެއެވެ. ގިނަ އަދަދެއްގެ ޓީވީ ޕްރޮގްރާމްތަކުގައި ވެސް އަޒީބެ ބައިވެރިވެވަޑައިގެން، ދީނީ މުހިންމު މައުލޫމާތުތައް ހިއްސާކޮށްދެއްވާފައިވެއެވެ.

ދީނީ ކަންކަމަށް ކުޑަކުދިންނާއި ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ދަރުސްތައް ދިނުމާއި ޓީވީ ޗެނަލްތައް މެދުވެރިކޮށް އަޒީބެ ވަނީ ގިނަ މަސައްކަތްތަކެއްކޮށްދެއްވާފައެވެ.