ޚަބަރު

މިހާރު ބޭނުންވަން ލިބޭ ފުރުސަތުތައް ނިންމަން: ކޯޗު އާތިފް


މިހާރު ޓީމު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި އެންމެ މުހިއްމު ކަމަކީ ލިބޭ ފުރުސަތުތައް ނިންމާލުން ކަމަށް، ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތިފް މުހައްމަދު ބުނެފިއެވެ.

މިއަދު ބޫޓާން އާއި ބައްދަލުކުރާ މެޗުގެ ޕީއެސްއެމް ނިއުސް އާއި ވާހަކަދައްކަމުން އާތީ ބުނީ ޓީމު އިންޑޯއަށް މަޑުމަޑުން ހޭނެމުންގޮސް މިހާރު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށެވެ. އަދި މިހާރު އެންމެ މުހިއްމު ކަމެއް ދޭން ޖެހޭނީ ނިންމާލުންތަކަށް ކަމަށާއި އެންމެ ފަހުން 2 މެޗުގައިވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވުނުއިރު ނިންމާލުމުގައި އުނދަގޫތަކެއް ޓީމަށް ކުރިމަތިވިކަމަށެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ ތިން މެޗަށް ބަލާއިރު މެޗަކަށްފަހު މެޗެއް ރަނގަޅުކުރަމުންދާ ދިވެހި އަންހެން ޤައުމީ ފުޓްސަލް ޓީމަށް މިއަދުގެ މެޗާކުރިމަތިލާއިރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ސަސްޕެންޝަނުގައި ހުރުމެވެ. ލީގު އުސޫލުން ކުރިއަށްދާ މިމުބާރާތުގައި 2 ރީނދޫ ކާޑު ހަމަވެ 1 މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނީ ޓީމުގެ އެންމެ ތަޖްރިބާކާރު ޑިފެންޑަރު ހަނީފާއަށެވެ.

ކޯޗު އާތީ ބުނީ މެޗަށް ތައްޔާރުވީ ހަނީފާ ނުހުންނާނެކަން އިނގިގެން އެގޮތަށްކަމަށާއި ޓީމު އޮތީ މެޗަށް ރަނގަޅަށް ތައްޔާރުވެފައިކަމަށެވެ. ކޯޗު އަތީ ވަނީ މިމުބާރާތުގެ ވާދަކުރާ ޓީމުތަކުގެ ތެރެއިން އިންޑޯ ދަނޑެއްގައި ފަރިތަކޮށްލުމުގެ ފުރުސަތު ނުލިބިއޮތް ހަމައެކަނި ޓީމަކީ ދިވެހި ޓީމުކަން ފާހަގަކޮށް ރަނގަޅު ތައްޔާރީތަކަކާއެކު ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެކަން ފާހަގަކޮށްފައެވެ.

ދިވެހިރާއްޖެ އާއި ބޫޓާން ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ރާއްޖެގަޑިން އިރުއޮށްސި 6 ޖަހާއިރެވެ. ޕީއެސްއެމްގެ ޔެސް ޓީވީން ދަނީ މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ގެނެސްދެމުންނެވެ.