އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގެ ޝެއިޚް ޖައްރާގައި ހުންނަ، ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އެޖެންސީ (އަންރުވާ)ގެ އިމާރާތްތަކެއް ސުންނާފަތިކޮށްލި ކޮށްލުން، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ މިފަދަ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އދއާއި އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ކަމެއް ކަަމަށެވެ. އަދި މީގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ނިކަމެތި އިންސާނީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ ބައިނަލްއަޤުވާމީ އަދުލުގެ ކޯޓު (އައިސީޖޭ)އިން ނެރެފައިވާ އަމުރުތަކާވެސް ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހީތެރިކަމާއި، ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަންރުވާ އިން އަދާކުރާ މުހިންމު ދައުރަށް ދިވެހި ސަރުކާރުން ދޭ ތާޢީދު ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު، ބައިނަލްއަޤުވާމީ ޤާނޫނުތަކާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދިއުން ހުއްޓުވައި، އެ ޤައުމު ޒިންމާދާރު ކުރުވުމަށްޓަކައި އަމަލީ ގޮތުން ފިޔަވަޅުތައް އެޅުމަށާއި، ބައިނަލްއަޤުވާމީ މުޖުތަމައުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ދިވެހިރާއްޖެއިން ތަކުރާރުކޮށް ގޮވާލާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.