ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި އަލިފާނުގެ ޙާދިސާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެޙްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި މި ޙާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް ވަނީ އެދިވަޑައިގެންފައެވެ. އަދި މި ޙާދިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުގެ ކަރާޗީގެ ޝޮޕިން މޯލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ. މި ޙާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގިނަ ވަގުތު ނަގާފައިވާއިރު، މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.