ކުޅިވަރު

ފާމިން ލޮޕޭޒަށް 10އަކުން 10އެއް


ބާސެލޯނާގެ ފާމިން ލޮޕޭޒަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެޓޭކިން މިޑްފީލްޑަރު ކަމަށާއި އޭނާގެ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްލާވިއާ އަތުން ރޭ ޗެމްޕިއަންސް ލީގުގައި 4-2އިން މޮޅުވި މެޗުގައި ފާމިން ދެ ގޯލު ޖެހުމުންނެވެ. މިއާއެކު މި ސީޒަނުގައި އޭނާ ޖެހި ގޯލުގެ އަދަދު 10 އަށް އެރިއިރު ގޯލު ޖަހަން އެހީތެރިވެދީފައިވާ އަދަދަކީ ވެސް 10 އެވެ.

"އޭނާއާ މެދު އަހަރެން ވަރަށް އުފާ ކުރަން. ވަރަށް ހިތްހަމަ ޖެހޭ. އޭނާ އާއި ޑެނީ އޮލްމޯ އަދި ރޮބަޓް ލެވޮންޑޯސްކީ ވެސް ވަރަށް ރަނގަޅު. ފާމިން އަކީ ވަރަށް މޮޅު ކުޅުންތެރިއެއް،" ކޯޗު ބުންޏެވެ.

މި މެޗުން މޮޅުވުމުން ބާސެލޯނާ ވަނީ ހަތް މެޗުން 13 ޕޮއިންޓާއެކު ޗެމްޕިއަންސް ލީގުގެ ތާވަލުގެ ނުވަ ވަނާގަ އެވެ. ގަދަ އަށަކަށް އެރުމަށް އެ ޓީމަށް ބާކީ އޮތީ އަމިއްލަ ދަނޑުގައި އަންނަ ހަފުތާގައި ކޯބެންހެވަންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ފްލިކް ބުނީ ގަދަ އަށެއް ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ސީޒަނުގެ އެންމެ ބިޒީ ދުވަސް ކޮޅަށް އެޅޭއިރު ކުޅޭ މެޗުތަކުގެ އަދަދު މަދު ކުރުމަކީ ވަރަށް މުހިންމު ކަމެއް. ގަދަ އަށަކަށް ގޮސްފިނަމަ ޔަގީނުން ވެސް އަހަރުމެން ޕްލޭއޯފް ކުޅެން ނުޖެހޭނެ. އެއީ ވަރަށް މުހިންމު ކަމެއް މިވަގުތު. އެހެންވީމާ އަހަރުމެންނަށް ދެން އޮންނަ މެޗަކީ ފައިނަލެއް. އަހަރުމެން ތައްޔާރުވާނީ ވެސް އެ ގޮތަށް،" ކޯޗު ބުންޏެވެ.

މި މެޗުގައި ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ. އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާއިރު މީގެ ސަބަބުން މަހެއްހާ ދުވަހު ނުކުޅެ ހުންނަން ޖެހުން ވަރަށް ގާތެވެ. ޕެޑްރީ ދަނޑުން ފޭބީ ރޮމުންނެވެ. މީގެ ސަބަބުން އޭނާ އަށް ކޯބެން މެޗުގައި ނުކުޅެވޭއިރު އެ މެޗަށް މިޑްފީލްޑަރު ފްރޭންކީ ޑިޔޮންގެ ވެސް ވަނީ ސަސްޕެންޑްވެފަ އެވެ.