ޚަބަރު

ފިޓު ޖެހިގެން ނިޔާވި އެމްޕީއެލް މުވައްޒަފުގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ


  • ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފު އަމީން ޢަބްދުލްޙަމީދު

  • އޭނާ ނިޔާވީ ފިޓު ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް

މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހުއްޓާ ފިޓުޖެހިގެން ނިޔާވި އެމްޕީއެލް މުވައްޒަފުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޕީއެލްގެ ޒުވާން މުވައްޒަފަކު ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ޙާދިސާއާ ގުޅިގެން، މަރްޙޫމްގެ ޢާއިލާއަށާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.


ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޙަމީދެވެ. އޭނާ ޑިއުޓީގައި ހުއްޓާ ފިޓު ޖެހި، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. އަދި މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.

އުމުރުން 30 އަހަރުގައި އަމީން ނިޔާވިއިރު މަސައްކަތްކުރަމުންދިޔައީ އެމްޕީއެލްގެ ފްލީޓް ސަރވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައެވެ. އެ ކުންފުންޏާ އަމީން ގުޅުނީ 2020 ވަނަ އަހަރު ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.