ޚަބަރު

ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާން ދެވަނައަށް


ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ޕާކިސްތާނުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާ ލީގު ތާވަލްގެ ދެވަނާގައި 3 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިމެޗަށް ނިކުތްއިރު ދެޓީމުވެސް އޮތީ 7 ޕޮއިންޓް ހޯދާފައެވެ. އަދި ގޯލުގެ ތަފާތުން ކުރީގައި އޮތީ ބަންގްލަދޭޝްއެވެ. އެހެންނަމަވެސް ބަންގްލަދޭޝް 3 ވަނައަށް ވައްޓާލުމަށްފަހު ޕާކިސްތާނުން ކުރިއަށް ޖެހިލިއިރު ދިވެހިރާއްޖެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް އިތުރު ދުވަހަކަށް މަޑުކުރަން މިވަނީ ޖެހިފައެވެ.

ޕާކިސްތާނުން ބަންގްލަދޭޝް ބަލިކުރީ 5-1 އިންނެވެ. މިމެޗުގައި ޕާކިސްތާނުން ލީޑުނެގީ ކުޅުންތެރިއެއް މަދުން ކުޅެމުންދިޔަ ވަގުތުކޮޅެއްގައެވެ. އެއީ ޕާކިސްތާނުގެ ކެޕްޓަން ހަސަން ޒަފަރު ޙާންއަށް ސީދާ ރަތްކާޑެއް ދެއްކުމާއެކުއެވެ. ކުޅުންތެރިއެއް މަދުވި ގަޑީގެ ފައިދާ ނަގާ ބަންގްލަދޭޝްއިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް އެޓީމަށް ވަނީ ޕާކިސްތާނުގެ ގޯލް ފޫއަޅުވާލެވޭގޮތް ނުވެފައެވެ.

ބަންގްލަދޭޝް ކުރިއަށް ޖެހުމުން ލިބުނު ކަންޓަރ ފުރުސަތެއްގައި ޕާކިސްތާނަށް ލީޑުނަގައިދިނީ އެޓީމުގެ ވައިސް ކެޕްޓަން ހަމްޒަތު ނުސްރަތެވެ.

މިނަތީޖާއާއެކު ބަންގްލަދޭޝްއަށް މިވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ދޮރު އެއްކޮށް ބަންދުވެފައެވެ. އަދި ރާއްޖެ ފިޔަވާ އެފުރުސަތު މިހާރު އޮތް ހަމައެކަނި ޓީމަކީ ޕާކިސްތާނެވެ.

ޕާކިސްތާނުން 10 ޕޮއިންޓް ހަމަކުރިއިރު އެޓީމަށް ބާކީ އޮތީ އެންމެ މެޗެކެވެ. ރާއްޖެ 12 ޕޮއިންޓާއެކު އޮތްއިރު އިތުރު ދެމެޗު ދިވެހި ޓީމަށް އަދި އެބައޮތެވެ.