ދިރާގު ދިވެހި ޕްރިމިއަރ ލީގުގަ ކާމިޔާބު ކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރަމުން އަންނަ މަސައްކަތަށް އަދި އިތުރު އެއްމެޗަށް އިންތިޒާރު ކުރަން ޖެހިއްޖެއެވެ.
ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ. މެޗުން މޮޅުވެގެން ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު މާޒިޔާ އަށް އޮތެވެ. މި ނަތީޖާ އެކު މާޒިޔާ އެއްވަނައިގަ އޮތީ ކުޅުނު 16 މެޗުން ލިބުނު 44 ޕޮއިންޓާއެކުއެވެ. ދެވަނާގަ އޮތް އޮޑި 15 މެޗުން ވަނީ 35 ޕޮއިންޓް ހޯދާފައެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ވަނީ ލިބިފައެވެ. އެގޮތުން 9 ވަނަ މިނިޓުގައި މާޒިޔާގެ ހަމްޒާ ފޮނުވލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.
މާޒިޔާ އިން ލަނޑުޖަހާ ލީޑު ނެގީ ކޯނަރެއްގައި އޭރިއާ ބޭރަށް އައި ބޯޅައެއްގި ނާއިޒު ހަސަން އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައަކުންނެވެ. މި ލަނޑު ނާޒިޒް ޖެހީ މެޗުގެ 12 ވަނަ މިނިޓުގައެވެ.
ބުރުން ނަތިޖާ ހަމަހަމަ ކުރީ މެޗުގެ 35 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ބުރުގެ ބިދޭސީ ފޯވާޑް ހުޑްސަން ޑިއަސް ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެފަހުން ހަމްޒާ އާއި މާޒިޔާގެ ބިދޭސީ ފޯޥާޑް ސާޖިއޯ މެންޑީ އަށް ވެސް ލަނޑުޖަހަން ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ވެސް ފުރުސަތުތައް ވަނީ ތަނަވަސްކޮއްފައެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިތުރު ވަގުތުގައި ހަމްޒާއަށެވެ. އޭރިއާ ތެރެއިން ހަމްޒާ ފޮނުވާލި ބޯޅަ އަމާޒު ނުވިއިރު އިތުރު ވަގުތުގައި ބުރުގެ އަބްދުﷲ ޔާމިން ފޮނުވާލި ބޯޅަ ދިއައީ ދަނޑިކައިރިން ބޭރަށެވެ.
މިއީ މޮޅެއް ނުހޯދި ލީގުގައި މާޒިޔާ ނިންމާލި ދެވަނަ މެޗެވެ.