ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ވަނީ، ކުޅުންތެރިންގެ ހުރި ހުނަރާއި އެއްބައިވަންތަކަން ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ނައިބުރައީސް ވިދާޅުވީ، މުބާރާތަށް ތައްޔާރުވުމަށް ބޭރު ކޯޗަކާއެކު ރާއްޖޭގެ ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު އެމަނިކުފާނާ ބައްދަލުވި ކަމަށާއި، ޓީމުގެ ފަރިތަކުރުންތައް ބައްލަވައިލެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.
ޓީމާ މެދު އުއްމީދުތަކެއް ގެންގުޅުއްވާތީ އެކަމާ ގުޅޭގޮތުން ރާއްޖޭގެ ތަޖުރިބާކާރު ބައެއް ކޯޗުންނާވެސް ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށާއި، ބޭރުގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅުންތެރިން ކުރިއަށް ގެންދާ ތަމްރީނުތަކާއެކު، ވަރަށް ގިނަ އައު ކަންކަން ކުޅުންތެރިންނަށް ދަސްވިކަން އެ ކޯޗުން ވެސް ފާޙަގަކުރެއްވިކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
ދިވެހި ކުޅުންތެރިން ރާއްޖޭގައި ފުޓްސަލް ކުޅެނީ، ބޭރު ގައުމުތަކަށް ގޮސް ފުޓްސަލް މެޗުތައް ކުޅެންޖެހޭ ފަދަ ޕިޗުތަކެއްގައި ނޫންކަން ފާހަގަކުރައްވައި ނައިބުރައީސް ވިދާޅުވީ، ދިވެހި ކުޅުންތެރިން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ވަނީ އެ ކުޅުންތެރިންގެ ހުނަރާއި އެއްބައިވަންތަކަން ކަމަށެވެ.
އަދި ބައްދަލުކުރެއްވި ދިވެހި ކޯޗުން ވެސް، ދިވެހި ކުޅުންތެރިންގެ ހުނަރުވެރިކަމުގެ ސަބަބުން، ޓީމުން މި މުބާރާތުގައި ކާމިޔާބީ ހޯދާނެކަމުގެ ޔަގީންކަން ގެންގުޅުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ރާއްޖޭގައި ފުޓްސަލް މި ކުޅެނީކީ ބޭރުގައި ފުޓްސަލް ކުޅޭކަހަލަ ޕިޗެއްގައެއް ނޫން. އެހެންނަމަވެސް ދިވެހިންގެ ހުނަރުވެރިކަމާއި، އެ ރޫހު އޮތް މިންވަރުން، އެ ބޭފުޅުން (ދިވެހި ކޯޗުން) ވެސް އެ ޝުއޫރުތައް އެ ފާޅުކުރަނީ. އަޅުގަނޑުގެ ވެސް އެކަހަލަ ޝުއޫރުތަކެއް ހުރީ ޤައުމީ ޓީމާ ދޭތެރޭގައި. ވަރަށް ހުނަރުވެރި ވަރަށް މޮޅެތި ކުޅުންތެރިންތަކެއް. ކޯޗު މި ބޭނުންކުރަނީ އެޔޭ އަޅުގަނޑު މި ގަބޫލުކުރަނީ". ތަމްރީނުކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް ދިވެހި ކުޅުންތެރިންގެ ހުނަރުވެރިކަމުގެ ސަބަބުން ރާއްޖެއަށް ފުޓްސަލްގައި ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ލިބެމުން އަންނަކަން ފާހަގަކުރައްވައި ނައިބުރައީސް ވިދާޅުވިއެވެ.
ޗައިނާގައި ޤައުމީ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން، މަދު ދުވަސްކޮޅެއްގެ ތެރޭގައި، ޓީމު ބިނާކޮށް، ކުޅުންތެރިން ޓީމެއްގެ ގޮތުގައި ތަމްރީނުކުރުމުގައި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ކޮށްފައިވާ މަސައްކަތްތަކާއެކު، ޤައުމީ ޓީމުން މިހާރު ދައްކަމުންދަނީ ދިވެހިން ބޭނުންވިފަދަ، ދިވެހިން އެދޭފަދަ ކުޅުމެއްކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ވަގުތު ވެ ވަޑައިގެންނެވި މިންވަރަކުން މުބާރާތުގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ވެސް ބައްލަވާ ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިން ދައްކާ ކުޅުމާއިމެދު ވެސް ނުހަނު ފަޚުރުވެރި ވެވަޑައިގަންނަވާކަމަށެވެ.
ނައިބުރައީސް ވިދާޅުވީ، ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްގެން ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ލިބެން އޮތްއިރު، އެ ކާމިޔާބީއަށް ވާސިލްވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށާއި، ޓީމާމެދު ކުރިން ވެސް އަދި މިހާރު ވެސް ގެންގުޅުއްވަނީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
އިންތިޒާރު ކުރައްވަނީ ތައްޓާއެކު ޓީމު އެނބުރި ރާއްޖެ އަންނާނެ ދުވަހަކަށް ކަމަށާއި، ޓީމަށް މަރުޙަބާ ދެންނެވުމަށް ތައްޔާރަށް ހުންނެވިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައެވެ. ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއެކު ރާއްޖެއަށް އަމިއްލަ ބާރުގައި ތަށި ޔަގީންކުރުމަށް ދެން ބޭނުންވަނީ އެންމެ މޮޅެކެވެ.
މުބާރާތުގައި ރާއްޖެ ޓީމަށް ކުރިއަށް ދެން އޮތީ ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. މި މެޗު ފަށާނީ ހޮނިހިރު ދުވަހު، ރާއްޖެ ގަޑިން 15:00 ގައެވެ.
މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ ޔެސްޓީވީ އިން ވަގުތުން ގެނެސްދޭނެއެވެ.