އެތެރޭގެ އުދުހުންތަކަށް ޓިކެޓުގެ އަގުތައް ކަނޑައަޅަނީ ވިޔަފާރި އުސޫލަށްވުރެ ބޮޑަށް ރައްޔިތުންނަށް ލުއިލިބޭނެ ގޮތަށްކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވެއްޖެއެވެ.
އިޔާސް މިހެން ވިދާޅުވީ، ނ. ވެލިދޫގައި ސީޕްލޭން ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެތެރޭގެ އުދުހުންތަކަށް މޯލްޑިވިއަނުން ކަނޑައަޅާ ނުވަތަ ޗާޖު ކުރަމުންދާ އަގުތަކަކީ އަތްނުފޯރާ ފަށުގެ އަގުތަކެއްކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިކަމަށް އިޝާރާތްކުރައްވާ ވެލިދޫގައި ސީޕްލޭންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވީ، މިވަގުތުގެ ހާލަތަށް ބަލާއިރު މޯލްޑިވިއަނުން ކަނޑައަޅާފައިވަނީ އަތްފޯރާ ފަށުގެ އަގުތަކެއް ކަމަށެވެ.
"ޓިކެޓުގެ އަގުތަކަކީ މިވަގުތު އަތްފޯރާ ފަށުގައި ހުރި އަގުތަކެއް ކަންވެސް މި ދަނޑިވަޅުގައި ފާހަގަކޮށްލަން. އެއީ މިއީ ވިޔަފާރި އުސޫލަށްވުރެ ބޮޑަށް މިރަށުގެ ރައްޔިތުންނަށް މިކަމުގައި ލުޔެއް ލިބޭނެފަދަ ގޮތަަކަށް ސަރުކާރާއި މޯލްޑިވިއަނުން ގުޅިގެން ކަނޑައަޅާފައިވާ އަގުތަކެއް. އެގޮތުން މާލެ ވެލިދޫ ލޯކަލް ޓިކެޓެއްގެ އަގަކީ 999ރުފިޔާ. އަދި ޓޫރިސްޓް ޓިކެޓަކީ 93 އެމެރިކާ ޑޮލަރު." އިޔާސް ވިދާޅުވިއެވެ.
މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެލިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ފެށުނު ޚިދުމަތެކެވެ.
ރައީސްގެ ތަސައްވުރަކީ ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން ރަށްތައް ގުޅުވާލައި ރައްޔިތުންނަށް ހިތްފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށްވާއިރު، ސަރުކާރުގެ މި ތަސައްވުރު ހާސިލްކުރުމަށް މޯލްޑިވިއަނުން ކުރި މަސައްކަތުން ޝެޑިއުލް ދަތުރުތައް ފެށިގެންދިއުމަކީ ލިބޭ ބޮޑު ފަޚުރެއް ކަމަށް އިޔާސް ވިދާޅުވިއެވެ.
އިޔާސް ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ވެލިދޫގެ އިތުރުން ފޮށްދޫ އާއި ކައިރި ރަށްރަށުގެ އިޤްތިޞާދަށާއި ލޯކަލް ޓޫރިޒަމަށް ބޮޑު ދިރުމެއް ލިބޭނެ ކަމަށެވެ.
"މި ޚިދުމަތުގެ ސަބަބުން މި ސަރަހައްދުގެ ލޯކަލް ޓޫރިޒަމަށް އިތުރު ދޮރުތައް ހުޅުވި ރައްޔިތުންގެ އަސާސީ ބޭނުންތަކަށާއި، ވިޔަފާރިއާއި އެހެނިހެން ބޭނުންތަކަށް ކުރާ ދަތުރުތަކަށް ލުޔެއް ލިބިގެންދާނެ. އެހެންކަމުން މި ފެށުނު ޚިދުމަތާއެކު ވެލިދޫއާއި ފޮށްދޫ އަދި މިރަށްތަކާއި ކައިރި އޮތް ރަށްތަަކުގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށްވެސް އައު ދިރުމެއް ލިބިގެންދާނެ. ރަށްތަކުގެ ވިޔަފާރިތަަކަށް އައު ފުރުސަތުތައް ފަހިވެ ރާއްޖޭގެ އެހެން ސަރަހައްދުތަކާއި ވެލިދޫއާއި ފޮށްދޫ އަދި ކައިރީގަ އޮންނަ ރަށްތަކާއި އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދާނެ." އިޔާސް ވިދާޅުވިއެވެ.
އިޔާސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް އިތުރު ރަށްރަށަށް ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އަންނަ މަހު ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.