ޚަބަރު

ފުޓްސަލްއަށް ބޭނުންވާ ވަސީލަތް ވަރަށް އަވަހަށް ހަމަޖެހޭނެ: ނައިބުރައީސް


  • މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް ތަކެއް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާ ވަނީ ޙަވާލުކޯށްފަ

  • ދެ ޓީމަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އިންޑޯ ޕިޗެއް ނެތުން

ރާއްޖޭގައި ފުޓްސަލް ކުޅުންތެރިންގެ ތަމްރީނުތަކަށާއި އެހެނިހެން ކުޅިވަރުތަކުގެ އެތުލީޓުންނަށް ވެސް ބޭނުންވާ ވަސީލަތްތައް ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ގދ. ފިޔޯރީގައި ހުންނަވައި "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ނައިބުރައީސް ވަނީ، މިހާރު ކުރިއަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމަށް ވެސް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކުރިމަތިވީ ތަމްރީނުތައް ކުރިއަށް ގެންދާނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ މައްސަލަކަން ފާހަގަކުރައްވާފައެވެ.

ކަން މިހެން އޮތްއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ވަރަށް އަވަހަށް ކުޅިވަރު ފެސިލިޓީތައް ތަރައްގީކުރުމުގެ މަސައްކަތް ނިންމާލެވި، އެ ތަންތަން ބޭނުންކުރެވެން ފަށާނެކަމަށެވެ.

"އަޅުގަނޑުވެސް ގަބޫލުކުރަން ފިރިހެން ޓީމަށްވެސް އަންހެން ޓީމަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އިންޑޯ ޕިޗެއް ނެތުން. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، މިހާރުވެސް އެމަނިކުފާނު ކުރިއަށް އެ ގެންދެވަނާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަށް އެބަ ގެންދަވާ ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ހާސިލްވެގެން ދިއުމާއި އެކަހަލަ ފެސިލިޓީތަކުގައި ކުޅުންތެރިން ތަމްރީނުކުރުމާއި މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެ". ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިވަގުތު ކުޅިވަރު އިންޑޯ ފެސިލިޓީތައް ބައެއް ކުޅިވަރުތަކަށް ނެތް ނަމަވެސް، މިފަހުން ކުޅިވަރު ވުޒާރާއިން ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ، މާލެ ސަރަހައްދުގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް ތަކެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައެވެ.

މި މަސައްކަތުގެ ދަށުން ހުޅުމާލޭގެ ދެ ފިޔަވަހީގައި އާއި ވިލިމާލޭގައި އެފަދަ ކޮމްޕްލެކްސް ތަކެއް އަޅާނެއެވެ.