ކުޅިވަރު

"މިކާމިޔާބީގެ ސަބަބުން ކުޅިވަރުގެ ރޫހު އާލާވެ އެހެން ކުޅިވަރުތަކަށްވެސް ފައިދާކުރާނެ"


ގައުމީ ފުޓްސަލް ޓީމުން މިއަދު ހޯދި ތާރީޚީ ކާމިޔާބީގެ އަލީގައި އެތައް ބަޔެއްގެ ހިތުގައި ކުޅިވަރުގެ ރޫހު އާލާވެ އެހެނިހެން ކުޅިވަރުތަކަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށް ގަބޫލުކުރައްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ މުޅިން އަލަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ތަށި ކަށަވަރުކޮށް މުބާރާތުގެ ފަޚުރުވެރި އެއްވަނަ ގައުމީ ފުޓްސަލް ޓީމުން ހޯދުމާއި ގުޅިގެން ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައެވެ.

ވަޒީރު ވިދާޅުވީ މި ފަޚުރުވެރި ކާމިޔާބީގެ ވާހަކަ އެތައް ޒަމާނަކަށް ދެނިގެންދާނެކަމަށާއި މިއީ ކުޅިވަރަށް އެތައްގޮތަކުން ކުރިއެރުން ލިބިގެންދާނެކަމެއްކަމަށެވެ.

"މިކާމިޔާބީއަކީ އެތައް ޒަމާނެއް ވަންދެން އަޅުގަނޑުމެންގެ ތެރޭގައި އިރާދަކުރެއްވިއްޔާ ވާހަކަދެކެވި، އެކަމުގެ އަލީގައި އެތައް ބަޔެއްގެ ކުޅިވަރުގެ ރޫހު އާލާވެ، އެހެނިހެން ކުޅިވަރުތަކަށްވެސް މިކަމުގެ ސަބަބުން ފައިދާ ކުރާނެކަމެއްކަމުގައި އަޅުގަނޑު ދެކެނީ" ވަޒީރު ވިދާޅުވިއެވެ.

އެއްވެސް މެޗަކުން ބަލިނުވެ މޮޅު ކުޅުމެއްދައްކާ ސަރަހައްދުގެ ވާދަވެރިން ފަހަތަށް ޖެއްސުމަށްފަހު ގައުމީ ފުޓްސަލް ޓީމުން ހޯދި ކާމިޔާބީ ކުރިއަށް އޮތްތަނުގައި ދިފާޢުކުރުމަށްޓަކައި ސަރުކާރުގެ ވިސްނުންތަކެއް އެބަހުރިކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ފުޓްސަލް ކުޅުންތެރިންނަށް އެންމެ ބޮޑު ގޮންޖެހުމަކަށްވެފައިވަނީ އިންޑޯ ކޯޓެއް ނެތުމުގެ ދަތިކަންކަމަށްވާއިރު، އެކަމަށް ހައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު މިހާރުވެސް ގެންދަވަނީ މަސައްކަތްޕުޅުކުރައްވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިކަހަލަ މުބާރާތްތަކުން މިކަހަލަ ވަނައެއް ލިބުމަކީ މިކަން ދިފާޢުކުރުމަށްޓަކައި ވަރަށް ގިނަގުނަ ކަންތައްތަކެއް ކުރަންޖެހޭކަމެއްކަމުގައި އަޅުގަނޑު ދެކެނީ. ވަރަށް ބައިވަރު ކަންކަން އެބަހުރި. އޭގެ ތެރޭގައި ފުޓްސަލް ކުޅޭނެ ރަނގަޅު މާހައުލެއް، ރަނގަޅު ތަނެއް، އިންޑޯ ޕްރެކްޓިސްކުރާނެ ފެސިލިޓީއެއް އޮތުމަކީ ފުޓްސަލް ކުޅޭ ހުރިހާ ކުދިންވެސް ވަރަށް ބޮޑަށް ދެކެމުންދިޔަ ހުވަފެނެއް. އަދި އެކަން މިހާރު މިޖެހެނީ އެއަށްވުރެ ބާރު ސްޕީޑެއްގައި މިކަން ކޮށް ފުޓްސަލް ކުޅުންތެރިންނަށް ހޯދައިދިނުން. މިކަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ. އިރާދަކުރެއްވިއްޔާ އެކަން މިވަނީ ވަރަށް ފަސޭހައިން، ވަރަށް އަވަހަށް ކުރެވޭނެ މަގު ފަހިކޮށްދެއްވާފަ" ވަޒީރު ވިދާޅުވިއެވެ.

އިންޑޯ ކޯޓެއް ގާއިމުކުރުމަށްޓަކައި އެކަމުގެ މަޝްވަރާތައް އެފްއޭއެމްއާއި އެކު މިހާރު ކުރެވިފައިވާކަމަށް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މިކަންކުރާނެގޮތުގެ ޕްލޭނެއް އެފްއޭއެމްއާއި ގުޅިގެން ކުރިއަށްގެންދަވާނެކަމަށެވެ.

"މިއަދުވެސް އަޅުގަނޑުމެން އެސޯސިއޭޝަނާއި ވާހަކަދައްކައިގެން މިކަން ކުރިއަށްދާނެގޮތަކާއި، މިކަންކުރާނެ ގޮތަކާއި ޕްލޭނެއް ރާވައިގެން ކުރިއަށް ގެންދިއުން އެއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން އެކަމުގެ މަޝްވަރާތައްވަނީ އެފްއޭއެމްގެ ރައީސްއާއިވެސް ކުރެވިފަ" ވަޒީރު ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެންޕިއަންކަން ރާއްޖެއިން ހޯދާފަވަނީ ބޫޓާނުގެ މައްޗަށް 1-3 އިން ހޯދި މޮޅާއެކުގައެވެ. މުބާރާތުގައި އަދި ރާއްޖެއަށް އެއް މެޗު އޮތްއިރު ސާފް ޗެމްޕިއަންޝިޕުގެ ފަޚުރުވެރި ތަށްޓާއެކު ގައުމީ ފުޓްސަލް ޓީމުން އެނބުރި ގައުމަށް އަންނާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.