ޚަބަރު

ގުޅިފަޅުގެ ޔުޓިލިޓީ ބައެއް މަސައްކަތްތައް އެމްޓީސީސީއާއި އާރްޑީސީއަށް


  • ގުޅީފަޅުގެ ޔުޓިލިޓި މަސައްކަތްތައް ފެށުމަށް ދަނީ ތައްޔާރުވަމުން

  • ޔުޓިލިޓީގެ މައި މަސައްކަތްތައް ހަވާލުކޮށްފަވަނީ ޗައިނާގެ ކުންފުންޏަކާ

  • މިދެ ކުންފުންޏަށް ހަވާލުކުރަނީ ބައެއް މަސައްކަތްތައް އަވަހަށް ފަށައިގަތުމަށް

މަސައްކަތްތައް އަވަސްކުރުމަށް ގުޅިފަޅުގެ ޔުޓިލިޓީ ބައެއް މަސައްކަތްތައް އެމްޓީސީސީއާއި އާރްޑީސީއާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ޙަވާލުވެ ގުޅިފަޅުގެ މާސްޓަރ ޕްލޭނަށް ބަދަލު ގެނެސް އަލުން އެކުލަވާލީ، 2024ވަނަ އަހަރުއެވެ. އަދި މި މާސްޓަރ ޕްލޭނާ އެއްގޮތަށް، ގުޅިފަޅަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކޮށް، މަގު ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކުރީ 2025ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

މި އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފަވަނީ ގުޅިފަޅުގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ ޤާއިމުކުރުމަށާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން ޑީވޯޓަރިން އަދި ގޭސް ސްޓޯރޭޖާއި، ޑިސްޓްރިބިއުޝަން ސިސްޓަމް ޤާއިމު ކުރުމުގެ މަސައްކަތްވެސް ޙަވާލުކޮށްފައިވެއެވެ.

ގުޅިފަޅުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޙިއްސާ ކުރައްވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ޗައިނާ ކުންފުންޏާ ހަވާލުކުރީ މުޅި ރަށުގެ ޔުޓިލިޓީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތް ފެށުމަށް ބޭނުންވާ ލޯނު ހޯދުމާ ގުޅޭ ކަންކަން އަދިވެސް ކުރިއަށްދާތީ، އެއްވެސް ގޮތަކަށް މަސައްކަތްތައް ނުފެށި އެކަމަށް މަޑުކުރަން ބޭނުންނުވާ ކަމަށެވެ.

މި މަސައްކަތް އަވަސް ކުރުމަށް، މީގެ ބައެއް މަސައްކަތްތައް އެމްޓީސީސީ އަދި އާރްޑީސީއާ ޙަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މަސައްކަތްތައް މަޑުޖެހިފަ އޮންނާކަށް ބޭނުމެއް ނޫން. ލޯނު ހޯދަން ފަސޭހައެއް ނޫން، އެހެންވީމަ ޗައިނާ ކުންފުނިން މަސައްކަތްތައް ފެށުމުގައި ލަސްތަކެއް ވަނީ. އެހެންވީމަ ކޮންޓްރެކްޓަރުގެ ސްކޯޕުން ބައެއް މަސައްކަތްތައް މަދުކޮށް، އެ މަސައްކަތްތައް އެމްޓީސީސީއާއި އާރްޑީސީއާ ޙަވާލުކޮށް ފެށުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދަނީ." ވަޒީރު ވިދާޅުވިއެވެ.

ގުޅިފަޅުން މިހާތަނަށް 3500އަށްވުރެ ގިނަ މީހުންނަށް ވަނީ ބިން ދޫކޮށްފައެވެ. ގުޅިފަޅުން 230 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައިވެއެވެ.

ބިން ހިއްކުމުގެ މަޝްރޫޢުތައް:

މާލެ ސަރަޙައްދުގައި ބިން ހިއްކައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ބައެއް ތަފްސީލްތައްވެސް ވަޒީރު ޙިއްސާކުރެއްވިއެވެ. ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އެ ސަރަޙައްދުގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތްތައް މާ ލަސްތަކެއް ނުވެ ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، މިހާރު ގިރާވަރުފަޅުގެ މަސައްކަތް ފެށުމަށް ތައްޔަރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިމަހުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވަމުންދާ ކަމަށާއި، ކުރީ ސަރުކާރުން ކަނޑައެޅި ލިސްޓަށް، އެ ތަންތަނުން ގޯތި ޙަވާލު ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތްތައްވެސް ކަނޑައެޅިފައިވާ ގޮތަށް، އޭޕްރިލް މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ސަރުކާރުން އިޢުލާނުކޮށްފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންނަށް ގޯތި ޙަވާލު ކުރުމުގެ މަސައްކަތްތައް މިއަހަރު ފަށާނެ ކަމަށެވެ.

"ގޯއްޗާއި ފްލެޓް ދިނުމުގެ ކަންކަން ކުރާނީ ރިޔާސީ އިންތިޚާބަށް އަވަސް އަރުވާލައިގެނެއް ނޫން. ވަގުތު ނަގައިގެން، އެކަށީގެންވާ އުސޫލެއްގެ ދަށުން ޙައްޤުވެރި މީހުންނަށް ތަނަވަސް ކޮށްދޭނީ." ވަޒީރު ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތްތަކުގައި ހުޅުމާލެ ފޭސް 3ގެ ގޮތުގައި 63 ހެކްޓަރު ވަނީ ހިއްކާފައެވެ. ގިރާވަރު ފަޅުން ޖުމުލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފަވެއެވެ.

އަދި ރަސްމާލެއިން 1009 ހެކްޓަރުގެ ބިން ދަނީ ހިއްކަމުންނެވެ. މި މަޝްރޫޢުތަކާއެކު މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނެއެވެ.