ކުޅިވަރު

ޕެޑްރީ އެއް މަހަށް ކުޅުމާ ދުރަށް


ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ ރޮޑްރިގޭޒަށް އަނިޔާވެ އެއް މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރުގެ ފަލަ މަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. މީގެ ސަބަބުން އޭނާ އަށް ގެއްލޭނެ އެންމެ މުހިންމު އެއް މެޗަކީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ މި ހަފުތާގައި ކުޅެން ޖެހޭ މުހިންމު މެޗެވެ. މިއީ މުބާރާތުގެ ގަދަ އަށަކަށް ވަނުމަށް ބާސެލޯނާ ކޮންމެހެން މޮޅުވާން ޖެހޭ މެޗެކެވެ.

ކޯޗު ހަންސީ ފްލިކް ބުނީ ޕެޑްރީ އަށް އަނިޔާވީ އެންމެ މުހިންމު ދުވަސްކޮޅު ކަމަށާއި ނަމަވެސް މިއީ ފުޓްބޯޅައިގައި ދިމާވާނެ މައްސަލައެއްކަން އޭނާ ހަނދާން ނުނެތެ ކަމަށެވެ.

"އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އެހެންވީމާ އޭގެ އަސަރު ކުރާނެ. މިފަދަ ކަންކަމާހުރެ ދެން ޖެހޭނީ އެކަންކަމާ ކުރިމަތިލާން. ބާސެލޯނާގައި ކުޅުންތެރިން އެބަތިބި. ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ލިބޭ މިކަހަލަ ފުރުސަތުގެ ބޭނުން ހިފައި އެ މީހުން ޖެހޭނީ ޕެޑްރީ ނެތްތަން ފޫބައްދަން. އެކަމަކު މިއީ ފަސޭހަ ކަމެއް ނޫން،" ފްލިކް ބުންޏެވެ.

މި ސީޒަނުގައި ބާސެލޯނާގެ އަނިޔާގެ މައްސަލަތައް ގިނަ އެވެ. މިޑްފީލްޑަރު ގަވީ މިހާރު ވެސް ކުޅުމާ ދުރުގައި ހުންނަތާ ތިން މަސް ވެއްޖެ އެވެ. ޑިފެންޑަރު ކްރިސްޓިއަންސެން ވެސް ހުރީ އަނިޔާވެފަ އެވެ. މީގެ އިތުރުން ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފަ އެވެ.