ޚަބަރު

އެންމެއަވަހަށް ދެން ހިއްކާ ނިމޭނީ ގިރާވަރުފަޅު: ރައީސް


  • ހުޅުމާލެ 3ގެ ބިން ހިއްކުން ވަނީ ނިމިފައި

ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކޮށްފައިވަނީ މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަން އިއުލާންކުރައްވާފައެވެ. މިމަސައްކަތް ނިމުމާއެކު ދެން އެންމެ އަވަހަށް ބާރުދުވެލީގައި ނިންމާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުން ނިންމާލާފައިވަނީ ސަރުކާރުން އެ މަސައްކަތް ނިންމަން އިއުލާން ކުރި ތާވާލައިި އެއްގޮތަށެވެ. އެގޮތުން ގާތްގަނޑަކަށް 2 މަހެއްހާ ދުވަހުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިންމާލާފައެވެ.

ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.