ބާސެލޯނާ އަށް މިހާރު ކުޅެމުން އަންނަ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް އަލުން މެންޗެސްޓާ ޔުނައިޓެޑަށް ގެނައުމަށް މިހާރުގެ ކޯޗު މައިކަލް ކެރިކް ބޭނުންވެއްޖެ އެވެ.
އިނގިރޭސި މީޑިޔާތަކުން ބުނާ ގޮތުގައި ޔުނައިޓެޑުން ބޭނުން ނެތިގެން ކޮންޓްރެކްޓް ފަަހުބައި ފުރިހަމަ ކުރަން އެހެން ކުލަބުތަކަށް ފޮނުވާލި ކުޅުންތެރިޔާ ޔުނައިޓެޑުން އަލުން ފެނުމުގެ ފުރުސަތު އޮތީ ކެރިކް އަންނަ ސީޒަނުގައި އެ ޓީމުގެ ކޯޗުކަމުގައި ހުރެފިނަމަ އެވެ.
ރަޝްފޯޑް ލޯނު އެއްބަސްވުމުގެއް ދަށުން އެންމެ ފުރަތަމަ ފޮނުވާލީ އެސްޓަން ވިލާ އަށެވެ. އެ ކުލަބުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ނަމަވެސް މި ސީޒަނުގައި ބާސެލޯނާ އަށް ބަދަލުވެ އޭނާ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ކުޅުންތެރިޔާ އަލުން ގެންދިއުމުގެ ޝައުގުވެރިކަން ކެރިކް ފާޅުކުރިއިރު ބާސެލޯނާއިން ވެސް ވަނީ އޭނާގެ ލޯނު އެއްބަސްވުން ދާއިމީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަމުގައި މިހާތަނަށް މާބޮޑު ކުރިއެރުމެއް ނުލިބި އޮތީ އަގާމެދު ބާސެލޯނާ އަށް އެއްބަސް ނުވެވޭތީ އެވެ.
ޔުނައިޓެޑުން ބާސެލޯނާ އަށް އޭނާ ދޫކޮށްލީ 30 މިލިއަން ޔޫރޯ އަށް އޭނާ ގަތުމަށް ޝަރުތުކޮށްފަ އެވެ. ނަމަވެސް ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން އެ ކުލަބުން މިހާރު ބޭނުންވަނީ މި އަގު ކުޑަކުރުމަށެވެ. މި ގޮތުން ބާސެލޯނާއިން މިހާރު ހުށަހަޅަނީ 22 މިލިއަން ޔޫރޯ އެވެ. މީގެ ތެރެއިން 18 މިލިއަން އެއް ފަހަރާ ދިނުމަށްފަހު ބާކީ ބައި ބަހާލާގޮތަށެވެ. ނަމަވެސް މިކަމަށް ޔުނައިޓެޑުން އަދި ވަކި ޖަވާބެއް ނުދެ އެވެ.
ކެރިކް އާއި ރަޝްފޯޑަކީ އެކުގައި ޔުނައިޓެޑުގައި ކުޅުނު ދެ ކުޅުންތެރިންނެވެ. ރަޝްފޯޑް ޔުނައިޓެޑުން ދާން ޖެހުނީ ކުރީގެ ކޯޗު އެރިކް ޓެންހަގާ މައްސަލަ ޖެހުމުންނެވެ. އޭގެ ފަހުން ޓީމާ ހަވާލުވި ކޯޗު ރުބެން އަމޮރިމް ވެސް އޭނާ ލައްވައި ކުޅުވަން މަސައްކަތެއް ނުކުރި އެވެ. އެއަށްވުރެ ބޮޑަށް ޔުނައިޓެޑްގެ މެނޭޖްމަންޓުން ވެސް ރަޝްފޯޑް ސިފަކޮށްފައިވަނީ މޮޅަށް ނުކުޅެ ބޮޑު މުސާރަ ނަގާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ބާސެލޯނާގައި އޭނާ ދައްކާ ކުޅުމާމެދު އިނގިރޭސި ގައުމީ ކޯޗު ތޯމަސް ޓުޗެލް ހިތްހަމަ ޖެހެ އެވެ.