އިޓާލިއަން ލީގުގައި ފިޔޮރެންޓީނާގެ މައްޗަށް ހޯދި މޮޅާއެކު ނަޕޯލީން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ނަޕޯލީގެ ސްޓޭޑިއޯ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ނަޕޯލީ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
ނަޕޯލީން ގިނަވަގުތު ބޯޅަ ހިފަހައްޓައިން މޮޅަށް ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ވެރްގާރާއެވެ.
މި ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދާއިރު ދެވަނަ ހާފު ފަށައިގެން ވެސް މާ ގިނައިރުތަކެއް ނުވެ ނަޕޯލީން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި، މެޗުގެ 49 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިގުއެލް ގުޓިއެރޭޒްއެވެ.
ނަޕޯލީން ދެ ލަނޑުގެ ލީޑެއްގައި އޮވެ ކުޅެމުން ދަނިކޮށް ފިއޮރެންޓީނާއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. 57 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭނާ ސޮލޮމޮންއެވެ.
މި ނަތީޖާއާއެކު ނަޕޯލީ ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލީ 23 މެޗުން 46 ޕޮއިންޓު ހޯދައިގެންނެވެ. ނަޕޯލީގެ ފަހަތުން، ތާވަލުގެ ހަތަރުވަނައިގައި އޮތީ 22 މެޗުން 43 ޕޮއިންޓު ހޯދާފައިވާ ރޯމާއެވެ. ރޯމާއިން މި މަހުގެ ތިންވަނަ ދުވަހު އުދިނޭސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަލުން ތާވަލުގެ ތިންވަނައަށް އެރޭނެއެވެ.
ނަޕޯލީއާ ދެކޮޅަށް ކުޅެ ބަލިވި ފިއޮރެންޓީނާ އޮތީ ރެލިގޭޝަން ޒޯނުގައި، ތާވަލުގެ 18 ވަނައިގައެވެ. އެ ޓީމަށް 23 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.