ޚަބަރު

ނޮޅިވަރަންފަރާއި ކެލާ އެއްވަރުވެ، ގަދަ 16ގެ ޖާގަތައް ނައިވައިދޫއާއި މާރަންދޫއަށް


ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން 1 އިން، މުބާރާތުގެ ގަދަ 16 ގެ ޖާގަތައް ނައިވައިދޫއާއި މާރަންދޫ ހޯދައިފިއެވެ.

ގަދަ 16 ގެ ޖާގަ ނައިވައިދޫއިން ހޯދީ ފަހު މެޗުގައި މާރަންދޫގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ. އަދި މާރަންދޫއަށް ޖާގަ ކަށަވަރުވީ ފަހު މެޗުގައި ނޮޅިވަރަންފަރާއި ކެލާ އެއްވަރުވުމުންނެވެ.

މާރަންދޫއާއި ނައިވައިދޫ ބައްދަލުކުރި މެޗުން ނައިވައިދޫ މޮޅުވިއިރު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ވިސާމްއެވެ. މެޗުގައި އޭނާ ދެ ލަނޑު ޖެހިއިރު ނައިވައިދޫގެ ބާކީ ލަނޑަކީ މާރަންދޫގެ ހުމެއިދު ހުސެއިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި މާރަންދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ ލޫތު ހުސެއިންއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިސާމްއެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ކެލާއާއި ނޮޅިވަރަންފަރު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެގެން ދެ ޓީމަށް ވެސް ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ.

މެޗުގައި ނޮޅިވަރަންފަރުގެ ލަނޑު ޖަހައިދިނީ އަޙްމަދު ސިޒާނެވެ. ކެލާގެ ލަނޑު ޖަހައިދިނީ އަބްދުﷲ ޒިމާމެވެ.

މި މެޗުތަކަށް ފަހު ޕޮއިންޓް ތާވަލު އެތުރިފައިވާ ގޮތަށް ބަލާއިރު އެއްވަނައިގައި ނައިވައިދޫ އޮތީ ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި މާރަންދޫ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ނޮޅިވަރަންފަރަށް ތިން ޕޮއިންޓު ލިބިފައިވާއިރު ފުލުގައި އޮތް ކެލާއަށް ޕޮއިންޓެއް ލިބިފައިވެއެވެ.