ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ބުރުގެ މެޗުތައް ނިމުމަކާ ގާތަށް އަންނައިރު، ޒޯން 4 އިން މުބާރާތުގެ ގަދަ 16 ގެ ޖާގައާއި ޒޯން ފައިނަލްގެ ޖާގަތަށް އއ. މަތިވެރިއާއި ވ. ކެޔޮދޫއިން ހޯދައިފިއެވެ.
މަތިވެރިން ޒޯން ފައިނަލާއި މުޅި މުބާރާތުގެ ގަދަ 16 ގެ ޖާގަ ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އދ. މަހިބަދޫގެ މައްޗަށް 2-3 އިން ކުރިހޯދައިގެންނެވެ. މެޗުގައި މަތިވެރީގެ ލަނޑުތައް ޖަހައިދިނީ އަލީ އަލްސަން އާއި މުޙައްމަދު މިދުހަތުއެވެ. އަލްސަން ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.
މަހިބަދޫއިން މެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޝުއައިދު ސައީދުއެވެ.މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަތިވެރީގެ އަލްސަން އެވެ.
މި ގުރޫޕުގައި ދެން ހިމެނޭ ކެޔޮދޫ އިން ޒޯން ފައިނަލް އަދި ގަދަ 16 ގެ ޖާގަ ކަށަވަރުކުރީ އދ. އޮމަދޫގެ މައްޗަށް ހޯދި މޮޅާއެކުގައެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ކެޔޮދޫގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ރަޝީދާއި އަރީން އަބްދުﷲ އިބްރާޙީމްގެ އިތުރުން އަޒްޔާން އާދަމް ރަޝީދެވެ. އަޙްމަދު ރަޝީދު ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ. އޮމަދޫއިން މެޗުގައި ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު އާދަމް މާއިން ނަސީރު ކާމިޔާބުކޮށްދިން އިރު އަނެއް ލަނޑު ޖަހައިދިނީ އަޙްމަދު ރިމާހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެޔޮދޫގެ އަރީން އެވެ.
މި ގުރޫޕުގެ ފަހު މެޗުތައް ނިމުނުއިރު ޕޮއިންޓު ތާވަލް އެތުރިފައިވާ ގޮތަށް ބަލާލާއިރު އެއްވަނައިގައި މަތިވެރި އޮތީ 7 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ކެޔޮދޫ އޮތީ ހަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް އޮމަދޫއަށް ދެ ޕޮއިންޓު ލިބިފައިވާއިރު ފުލުގައި އޮތް މަހިބަދޫއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.