ޚަބަރު

އެމެރިކާއިން ޙަމަލާދީފިނަމަ ވަރުގަދަ ކުރިމަތިލުމަކަށް ދާނެ: އީރާން


އެމެރިކާއިން އީރާނަށް ޙަމަލާދީފިނަމަ، ހަމަނުޖެހުންތައް އެހެން ޤައުމުތަކަށް ފެތުރި، ސަރަޙައްދީ ވަރުގަދަ ކުރިމަތިލުންތަކަށް ބަދަލުވާނެކަމުގެ އިންޒާރު، އީރާންގެ ރޫޙާނީ ވެރިޔާ ޢާޔަތުﷲ އަލް ޚާމަނާއީ ދެއްވައިފިއެވެ.

އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވަނިކޮށް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އީރާން ކައިރީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ޚާމަނާއީ ވިދާޅުވި ގޮތުގައި، އަސްކަރީ މަނަވަރުތައް އީރާނު ވަށައިލައިގެން، ބިރު ދެއްކޭނެ ޤަބޫލުކުރުމަކީ ކުށްހީއެއް ކަމަށެވެ. އަދި އީރާނުން އެއްވެސް ޤައުމަކަށް އިސްވެ ޙަމަލާދޭން ބޭނުންނުވި ނަމަވެސް، އަމިއްލައަށް ދިފާޢުވާން ފަސްނުޖެހޭނެކަމުގެ އިންޒާރު ވެސް ޚާމަނާއީ ދެއްވިއެވެ.

އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް، މަޝްވަރާގެ ތެރެއިން ޚިލާފުތަކަށް ޙައްލެއް ހޯދުމަށް މަޝްވަރާތައް ކުރެވެމުން އަންނަކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.

ޖަނަވަރީ 31ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ތަހްރާނުން ވަރަށް "ސީރިޔަސް ކަމާ އެކު" ވޮޝިންގްޓަނާ ވާހަކަ ދައްކަމުންދާ ކަމުގައެވެ. އަދި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޚިޔާލު އީރާނުން ދޫކޮށްލައި، އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލަން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެ ކަމަށް އީރާނުން އެއްބަސްވެދާނެ ކަމަށް އޭނާ ޤަބޫލުފުޅެއް ނުކުރައްވައެވެ. "ނަމަވެސް، އެ މީހުން [އީރާނުން] ދަނީ އަޅުގަނޑުމެންނާ ވާހަކަ ދައްކަމުން. ވަރަށް ސީރިޔަސް ކަމާ އެކު ވާހަކަ ދައްކަމުން،" ޓްރަމްޕް ތަކުރާރު ކުރެއްވިއެވެ.

އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް ތަހްރާނުން ތައްޔާރުވަމުންދާ ކަން އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ވެރިޔާ ޢަލީ ލަރިޖާނީ ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. "މީޑިއާގައި ހަދައިގެން ފަތުރާ ހަނގުރާމައިގެ ވާހަކަތަކާ ޚިލާފަށް، މަޝްވަރާތަކުގެ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރިއަށް،" ލަރިޖާނީ ވިދާޅުވިއެވެ. ނަމަވެސް، އެ ކަމާ ގުޅޭ އިތުރު ތަފުސީލު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައި ވަނީ، އީރާންގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް އެ ޤައުމުގެ އެތަކެއް ހާސް ބަޔަކު މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ. އަދި، އެ މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި މުޒާހަރާގެ ބައިވެރިންނަށް ޙަމަލާދީ، އޭގެ ތެރެއިން ބަޔަކު މަރަމުންދާ ކަމުގެ ޚަބަރުތައް ފެތުރެން ފެށުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، މުޒާހަރާގެ ބައިވެރިން މެރުން ހުއްޓައިނުލައިފި ނަމަ، އީރާންގެ ދާޚިލީ މައްސަލައިގެ ތެރެއަށް އެމެރިކާއިން ތަދައްޚުލުވާނެ ކަމުގައެވެ. އީރާނަށް ޓްރަމްޕް އިންޒާރު ދެއްވި ފަހުން އީރާންގެ މަސްރަޙު ވަނީ ފިނިވެފައެވެ. އަދި، މުޒާހަރާތައް ވަނީ މަޑުޖެހިފައެވެ.

ޚާމަނާއީ ވަނީ އެ މުޒާހަރާތަކަކީ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ފަހަތުގައި އޮވެގެން ހިންގަން އުޅުނު ބަޣާވާތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.