ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗު ނުކުޅެން ނިންމައި އެކަން ޕާކިސްތާން ސަރުކާރުން އިއުލާނު ކުރުމާއެކު މި ނިންމުމާމެދު ވިސްނުމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ގޮވާލައިފި އެވެ.
ކްރިކެޓްގެ މައި ޖަމާއަތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޕާކިސްތާނުން ރަސްމީކޮށް މި ނިންމުން ހިއްސާކުރާނެ ކަމަށް އެދޭ ކަމަށެވެ. ނަމަވެސް މިއީ ކުރިމަގުގައި މުޅި ކްރިކެޓަށް ދިމާވެދާނެ މައްސަލައެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ކުރިމަގުގައި ނުކުމެދާނެ ނޭދެވޭ ނަތީޖާ އަށް ވިސްނައި ފިކުރު ކުރުމަށެވެ.
އެ ޖަމާއަތުން ބުނީ ކުޅިވަރުގެ ހަގީގީ މާނައަކީ އަދި މުބާރާތްތައް ބާއްވަނީ ހުރިހާ ގައުމަކަށް ވެސް ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުސަތު ދިނުމަށް ކަމަށާއި ޕާކިސްތާނުގެ ނިންމުމުގެ ސަބަބުން އެ ހައްގު ގެއްލިގެންދާ ކަމަށެވެ.
ޕާކިސްތާނުން އިންޑިޔާ މެޗު ބޮއިކޮޓް ކުރީ އައިސީސީއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެއީ އެއް ކަމެއްގައި ދެ ގައުމެއް ތަފާތު ކުރާ ކަމަށް ބުނެ އެވެ. ޕާކިސްތާނުން ދައްކާ މައިގަނޑު ސަބަބަކީ އެ ގައުމުގައި ކުޅޭ މެޗުތައް އިންޑިޔާއިން މީގެ ކުރިން ބޮއިކޮޓް ކޮށްފައި ހުރުމާއި އިންޑިޔާއިން ޕާކިސްތާނުގައި ކުޅެން ޖެހޭ މެޗުތައް އެހެން ގައުމުތަކަށް ބަދަލުކޮށްދީފައިވުމެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގައި ބަނގްލަދޭޝްއިން އެ ގައުމުގެ މެޗުތައް އިންޑިޔާގެ ބަދަލުގައި ލަންކާ އަށް ބަދަލުކޮށްދޭން އެދުމުން އައިސީސީން ވަނީ ދެކޮޅު ހަދާފަ އެވެ. އެންމެ ފަހުން ބަނގްލަދޭޝްގެ ޖާގަ ވެސް ވަނީ ސްކޮޓްލޭންޑަށް ދީފަ އެވެ.
އައިސީސީގެ މި ނިންމުމާއެކު ޕާކިސްތާން ފުރަތަމަ ގަސްތުކުރީ ބަނގްލަދޭޝް އަށް އެއްބާރުލުން ދިނުމުގެ ގޮތުން މުބާރާތް ނުކުޅުމަށެވެ. ނަމަވެސް ފަހުން ނިންމުން ބަދަލުކޮށް ރޭ ޕާކިސްތާން ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ނެރުނު ބަޔާނުގައިވަނީ ބުނެފައިވަނީ އިންޑިޔާ އާއި ސްރީލަންކާގައި އަންނަ ހޮނިހިރު ދުވަހު ފަށާ މުބާރާތުގައި އެގައުމު ބައިވެރިވާނެ ކަމަށެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހު އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ޕާކިސްތާން ޓީމު ދަނޑަށް ނުނުކުންނާނެ ކަމަށެވެ. ނަމަވެސް މި ނިންމުމުގެ ފަހަތުގައިވާ ސީދާ ސަބަބެއް ބުނެފައިނުވެ އެވެ.
އިންޑިޔާގެ މީޑިއާތަކުން ބުނަނީ މިއީ ބަލޯކިސްތާނަށް ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުންނާއި ބަނގްލަދޭޝް އަށް ތާއީދު ކުރުމުގެ ގޮތުން ޕާކިސްތާނުން ކުރި ކަމެއް ވެސްމެ އެވެ.