ޚަބަރު

އޭޖީގެ ލަފަޔަކީ ޚިޔާލު ހޯދުމުގެ ވޯޓް ކައުންސިލް އިންތިހާބާއެކު ބޭއްވުން


  • ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޤާނޫނީ ހުރަހެއް ނެތް

  • ފެންނަ ނުފެންނަ ވޯޓެއް ނަގަން 45 ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓު ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއެކު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވާކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމުން ރައޔްިތުންނަށް ގިނަ ފައިދާތަކެއް އެބަހުރި ކަމަށެވެ. އަދި މި ބިލަކީ ސަރުކާރުން ގިނަ މަޝްވަރާތަކާއެކުގައި ހުށަހެޅި ބިލެއް ކަމަށާއި އެފަދަ ވޯޓެއް ނެގުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ރައްޔިތުންގެ ޚިޔާލުހޯދުމަށް ނަގާ ވޯޓާ ގުޅޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް މަދުވެގެން 45 ދުވަހުގެ މުއްދަތެއް ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭކަން ފާހަގަކުރައްވައި ބަންޑާރަނައިބު ވިދާޅުވީ އެއީ އެފަދަ އިންތިޚާބެއް ބާއްވަން އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި ޚަރަދުތަކަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ޤާނޫނުން ދޭން ޖެހޭ މުއްދަތު ދިނުމަށްފަހު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާއެކު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ކަމަށްވެސް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.

"އެ ތާރީޚަކީ މިސާލަކަށް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭ ދުވަސްކަމުގައި ވަނީނަމަ އެއީ ޤާނޫނާ ފުށުއަރާ ކަމެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި މިފަދަ ކަމެއް ކުރާނަމަ އެންމެ ރަނގަޅުގޮތަކީ އިންތިޚާބެއް ކުރިމަތީގައި އޮތްކަމުގައި ވަނީނަމަ އެ އިންތިޚާބާއެކީގައި އެކަން ކުރުން. އެއީ އިލެކްޝަންސް ކޮމިޝަނުންވެސް ފާހަގަކުރައްވާފައިވާފަދައިން ވަކިން މިކުރާނަމަ ވަރަށް ބޮޑު ޚަރަދެއް އެބަހިނގާ،" ބަންޑާރަނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ދެ އިންތިޚާބުގައި އެކުގައި ބާއްވަން ނުފެންނަ ކަމަށް ބުނަނީ ވެރިކަމަށް އަންނަ ބޭފުޅެއް ޖަވާބުދާރީ ކުރުމަށް އެއިރެއްގައި އޮންނަ މަޖިލީހަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭކަމަށް ބުނެ ކަމަށާއި އެއީ ގޯސް ވިސްނުމެއް ކަމަށެވެ. އެގޮތުން، ވެރިކަމަކާ ބޭފުޅަކު ހަވާލުވެވަޑައިގަތުމުން ހަ މަސް ދުވަހަކީ އެ ބޭފުޅެއްގެ ޕަފޯމަންސް ބެލުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގައި އެންމެ ފުރަތަމަ ބާއްވާ މަޖިލީހަކީ 25 ފެބްރުއަރީގައި ބާއްވަން ޖެހޭ އިންތިޚާބެއްކަން ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހު ކުރިއިރު ދެ އިންތިޚާބު ދުރުކުރުމަކީ އެއްވެސް އިރެއްގައި ގެންގުޅެފައިވާ ވިސްނުމެއް ނޫން ކަމަށެވެ.