ހުސްވި 2025ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 85 މައްސަލައެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެވުޒާރަށް 224 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މީގެތެރޭގައިވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ. ޑިސެންބަރު މަހުގެ ތެރޭގައި މިފަދަ 85 މައްސަލައެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 40 މައްސަލައަކާއި، ފިރިހެން ކުދިންނާ ގުޅޭ 44 މައްސަލައެއްގެ އިތުރުން ކޮން ކުއްޖެއްކަން ނޭނގޭ ގޮތަށް ހުށަހަޅާފައިވާ އެއް މައްސަލައެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ، ޖިސްމާނީ ހާނިއްކައިގެ މައްސަލަތަކެވެ.
ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތައް:
* އިހުމާލުވުމުގެ 25 މައްސަލަ
* ޖިސްމާނީ އަނިޔާގެ 15 މައްސަލަ
* ޖިންސީ ހާނިއްކައިގެ 14 މައްސަލަ
* ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ
* ނަފްސާނީ އަނިޔާގެ 6 މައްސަލަ
* ގަނާގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ
ކުޑަކުދިންގެ އަޚްލާޤީ 13 މައްސަލަ
ގެއިން ނިކުމެގެން ދިއުމުގެ 3 މައްސަލަ
* ޗައިލްޑް އެބޭންޑަންޓްމެންޓްގެ 1 މައްސަލަ
* އެހެނިހެން އަނިޔާގެ 7 މައްސަލަ
މީގެއިތުރުން ބްލެކްމެއިލް ކުރުމާއި، ޖިންސީ ގްރޫމިންގް އަދި ފުރައްސާރަކުރުމުގެ މައްސަލަތައް ވެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެ ވުޒާރާއަށް ޢާއިލީ މައްސަލަތަކާ ގުޅޭ ޖުމްލަ 50 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، އަންހެން ކުދިންނާ ގުޅޭ 21 މައްސަލައަކާއި، ފިރިހެން ކުދިންނާ ގުޅޭ 29 މައްސަލައެކެވެ. ޢާއިލީ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ، ކުދިން ބެލުމުގައި ދިމާވާ މައްސަލަތަކެވެ. މި ބާވަތުގެ 18 މައްސަލައެއް ރިޕޯޓުކޮށްފައިވޭ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ މިފަދަ މައްސަލަތަކުގައި ކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ކުދިންނާ ބައްދަލުކުރުމުގައި ދިމާވާ 13 މައްސަލައަކާއި، ދަރިންގެ ޚަރަދު ދިނުމާ ގުޅޭ 5 މައްސަލައެއް ވެސް ޑިސެންބަރު މަހުގެ ތެރޭގައި އެ ވުޒާރާއަށް ވަނީ ހުށަހެޅިފައެވެ.
ކުޑަކުދިންގެ ހައްޤުތަކާ ގުޅުންހުރި މައްސަލަތަކަށް ބަލާއިރު، ޑިސެންބަރު މަހު ރިޕޯޓުކޮށްފައިވަނީ އެންމެ މައްސަލައެކެވެ. އެއީ އައިޑީ ކާޑު، ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމަށް ފިރިހެން ކުއްޖަކާ ގުޅޭގޮތުން ހުށަހެޅި މައްސަލައެކެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ މިފަދަ މައްސަލަތައް ބަލައި، ކުޑަކުދިންގެ މަސްލަހަތު ޙިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންނެވެ.
ޑިސެންބަރު މަހުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 53 މައްސަލައެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި އެންމެ ގިނައީ، އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ، ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖުމްލަ 16 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މިއީ އަންހެނުންނާ ގުޅޭ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 15 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 14 މައްސަލައަކާއި ފިރިހެނަކާ ގުޅޭ އެއް މައްސަލައެވެ.
މީގެ އިތުރުން، ނަފްސާނީ އަދި އަނގަބަހުން ކުރާ އަނިޔާގެ 13 މައްސަލައަކާއި، ބިރު ދެއްކުމުގެ 4 މައްސަލައަކާއި، ޖިންސީ ފުރައްސާރަ ކުރުމުގެ 2 މައްސަލައެއްވެސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ޖިންސީ ގޯނާ ކުރުމާއި، އިހުމާލުވުމާއި، މުދަލަށް ގެއްލުން ދިނުމުގެ ބާވަތުގެ މައްސަލަތައްވެސް ހުށަހަޅާފައިވެއެވެ. ޖުމްލަ ގޮތެއްގައި ގެވެށި އަނިޔާގެ މައްސަލަތަކުގައި ހިމެނެނީ، އަންހެނުންނާ ގުޅޭ 50 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 3 މައްސަލައެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިވުމާ ގުޅޭ 19 މައްސަލައެއްވެސް ޑިސެންބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން 16 މައްސަލައަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާ ގުޅޭ މައްސަލަތަކެވެ. ހަމައެއާއެކު، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 3 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އަންނަނީ، އެވުޒާރާއަށް މިގޮތަށް ހުށަހަޅާ މައްސަލަތައް ވީހާވެސް މަދުކުރުމަށްޓަކައި އެތައް މަސައްކަތެއް ކުރައްވަމުންނެވެ.