ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޙާއްސަ ހަރަކާތްތަކުގެ ތެރެއިން، 19 އަހަރުން ދަށަށް އަމާޒުކޮށްގެން ބާއްވާ އިންވިޓޭޝަނަލް މުބާރާތުގެ ގުރުއަތު ނަގައިފިއެވެ.
މި މުބާރާތް އޮންނާނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވާނީ ސީއެޗްއެސްއީ-މާލެ، ސީއެޗްއެސްއީ-ހުޅުމާލޭގެ އިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައިސްކޫލެވެ.
މުބާރާތުގެ ގުރު ނަގާފައިވާއިރު ފުރަތަމަ މެޗުގައި މި މަހުގެ ހަތްވަނަ ދުވަހު ހަވީރު 16:00 ގައި ވާދަކުރާނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސީއެޗްއެސްއީ-ހުޅުމާލެ އެވެ. އަދި އެރޭ 21:00 ގައި ވިލާ އިންޓަނޭޝަނަލް ހައިސްކޫލާއި ސީއެޗްއެސްއީ-މާލެ ކުރިމަތިލާނެއެވެ.
މުބާރާތުގެ ތިންވަނަ މެޗުގައި ނުވަ ވަނަ ދުވަހުގެ ހަވީރު އަޙްމަދިއްޔާއާއި ވިލާ ކުރިމަތިލާއިރު އެރޭ ސީއެޗްއެސްއީގެ ދެ ޓީމު ކުރިމަތިލާނެއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނީ 12 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ސީއެޗްއެސްއީ ހުޅުމާލެއާއި ވިލާ އެވެ. އެރޭ ކުޅޭނީ އަޙްމަދިއްޔާ އާއި ސީއެޗްއެސްއީ މާލެއެވެ.
ރައުންޑް ރޮބިން އުސޫލުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށްފަހު ޗެމްޕިއަން ކަނޑައެޅުމަށް، އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް މެޗެއް ކުޅޭނެއެވެ. މި މެޗު ކުޅޭނީ 15 ވަނަ ދުވަހުގެ ހަވީރެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ބައިނަލްއަގްވާމީ އިންވިޓޭޝަނަލް މުބާރާތެއް ކުޅުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.
އެފްއޭއެމް އިން ބުނީ، މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ދެމެދު، މާލޭގައި ކަމަށެވެ.