ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ މުބާރާތުގައި، ހދ. ނައިވާދޫ، ރ. ދުވާފަރު އަދި އއ. މަތިވެރިން އެ ޓީމުތައް ނިސްބަތްވާ ޒޯންތަކުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ނައިވައިދޫއިން ޒޯން ޗެމްޕިއަންކަން ހޯދީ ޒޯން އެކެއްގެ ފައިނަލުގައި 6-1 އިން ހއ. މާރަންދޫ ބަލިކޮށްގެންނެވެ. މެޗުގައި ނައިވައިދޫގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ވިސާމްއާއި ޔާމީން މުޙައްމަދުގެ އިތުރުން މުޙައްމަދު އަސްލަމްއާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ވިސާމް ވަނީ މެޗުގައި ތިން ލަނޑޫ ޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގައި މާރަންދޫއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޙަސަން އަސްލަމް އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިސާމްއެވެ. ޒޯން 1 ގެ މޮޅު ކުޅުންތެރިއަކަށް ވެސް އަދި ޓޮޕް ސްކޯރަރ އަކަށް ވެސް ހޮވުނީ އޭނާއެވެ.
ޒޯން ހަތަރެއްގެ ޗެމްޕިއަންކަން މަތިވެރިން ހޯދީ ފައިނަލުގައި 5-2 އިން ވ. ކެޔޮދޫ ބަލިކޮށްގެންނެވެ. މެޗުގައި މަތިވެރީގެ ލަނޑުތައް ޖަހައިދިނީ ހައިޝަމް އަލީއާއި މުޙައްމަދު ޒާހިދު ސައީދުގެ އިތުރުން އަލީ އަލްސަންއާއި އަޙްމަދު ފިރާޝް އާއި އަބްދުﷲ ފިޒާން އެވެ. ކެޔޮދޫގެ ދެ ލަނޑުވެސް ޖަހައިދިނީ އަޙްމަދު ރަޝީދެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލްސަންއެވެ. މި ޒޯނުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. ޒޯނުގެ ޓޮޕް ސްކޯރަރ އަކީ ކެޔޮދޫގެ އަޙްމަދު ރަޝީދެވެ.
ޒޯން ދޭއްގެ ޗެމްޕިއަންކަން ދުވާފަރުން ހޯދީ ފައިނަލުގައި، ކަނޑިތީމު 2-0 އިން ބަލިކޮށްގެންނެވެ. މެޗުގައި ދުވާފަރުގެ ލަނޑުތައް ޖަހައިދިނީ އިބްރާޙީމް އަނާން އަލީއާއި އަޙްމަދު އީސާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް އަދި ޒޯންގެ މޮޅު ކުޅުންތެރިޔަކަށް އަދި ޓޮޕް ސްކޯރަރ އަކަށް ހޮވުނީ ދުވާފަރުގެ މުޙައްމަދު އިސާމެވެ.