ދިވެހިން ކެއުންބުއިމުގައި އިހުޒަމާނުގައި ބޭނުންކުރި އެކި އުފެއްދުންތައް ހިމެނޭގޮތަށް އިސްރަށްވެހިންގެ "ރަހަފަތް" މައުރަޒުގައި ހުޅުވައިފިއެވެ.
މިމައުރަޒު ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ.
މި މައުރަޒަކީ ދިވެހި ސަގާފީ ކާބޯތަކެއްޗާއި، ޚާއްސަކޮށް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭނުންކުރާ ދިވެހި ރަހަތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ.
މިމައުރަޒު ހުޅުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އުފާވެރި މާހައުލެއް ޤާއިމްކޮށްދިނުންކަމަށެވެ. އަދި އަންނަން އޮތް ޖީލުގެ ކުދިންނަށް މިފަދަ މައުލޫމާތުތައް ފޯރުކޮށްދިނުމަކީވެސް ބޭނުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގެ ދެތިން ބޭނުމެއް އެބައޮތް. އެއްކަމަކީ އިސްރަށްވެހިންގެ މެންބަރުންގެ ނާދީގެ މެންބަރުންނަށް ނިކަން އުފާވެރިކަމެއް، އެއާއިލާތަކަށް އުފާވެރިކަމެއް ލިބޭ މިކަހަލަ ކަމެއް ކޮށްލުމުން. އެއާއެކީގައި ތަރިކަ މިނިސްޓްރީއާ އެކީގައި މިކުރެވޭ މަސައްކަތަކީ ކުޑަކުދިންނަށާއި ޒުވާނުންނަށް މި މައުލޫމާތު ފޯރުކޮށްދިނުން" ވަޒީރު ވިދާޅުވިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ މިފަދަ މައުރަޒުތަކުގެ ސަބަބުން އިސްރަށްވެހިންނަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ފަހިވެގެންދާކަމަށެވެ. އެބައެއްގެ ރަހައަކީ ތަރިކައާއި ސަގާފަތުގެ މުހިންމު ބައެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
"މިމަސައްކަތް ގޭތެރޭގައި ހިނގަމުންދާއިރު ކެއްކުމާއި ގުޅިފައިވާ ތަފާތު ނަންތައް އެކި މަސައްކަތްތަކާއި ގުޅިފައިވާ ނަންތައް ކުޑަކުދިންނަށް ދަސްވަމުންދާނެ. އަލުން އެބަސްކޮށާރު ދިރެމުންދާނެ. އެހެންވީމަ މީގައި ތައުލީމުގެ ބައެއް އެބައާދޭ. އަދި އެކުއުޅުމުގެ ސަގާފަތެއް އެބައާދޭ." ވަޒީރު ވިދާޅުވިއެވެ.
މި މައުރަޒުގެ ބައިވެރިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ މި ފަދަ މައުރަޒުތައް ބޭއްވުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއްކަމަށެވެ. އަދި ދިވެހި ރަހަތައް ދައްކާލުމަށް ފުރުސަތު ލިބުމުން އުފާވާކަމަށެވެ.
"މިއީ ވަރަށް ހިތްހަމަޖެހޭ ކަމެއް. މައުރަޒުތައް މިގޮތަށް ބޭއްވުމުން ވަރަށް އުފާވޭ. ޚާއްސަކޮށް ދިވެހި ރަހަތައް މިގޮތަށް އެއްތަނަކުން ދައްކާލަން ލިބޭތީ ވަރަށް އުފާވޭ." މައުރަޒުގެ ބައިވެރިން ބުންޏެވެ.
މި މައުރަޒުގައި ޖުމްލަ 77 ބައިވެރިން ހިމެނެއެވެ. މި މައުރަޒުގައި އެކި ބާވަތުގެ 2000އަށް ވުރެ ގިނަ އައިޓަމް ހިމެނެއެވެ. މައުރަޒު ހުޅުވުމާއެކު ޚާއްސަ މާހެފުމެއްވެސް ވަނީ ބާއްވާފައެވެ. މި މާހެފުމުގެ އިސްރަށްވެހިންގެ ނާދީގެ މެންބަރުން ވަނީ ދިވެހި ރަހަތަކުގެ 33 ބާވަތެއް ތައްޔާރުކޮށްފައެވެ.
އާންމުންނަށް ވަދެވޭގޮތަށް މައުރަޒު ހުޅުވާލާފައިވާއިރު މައުރަޒު ކުރިއަށްދާނީ މިމަހުގެ 7ގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 14:00އިން 18:00އަށެވެ. އަދި 20:00 އިން 22:00އަށެވެ. ހުކުރު ދުވަހު 18:00 އިން 16:00އަށް އަދި 20:00 އިން 22:00 މައުރަޒަށް ޒިޔާރަތްކުރެވޭނެއެވެ.