ޚަބަރު

މާލޭ ވިޔަފާރި ބަނދަރު 2027ގެ ނޮވެންބަރުގައި ތިލަފުއްޓަށް ބަދަލުވާނެ: ރައީސް


  • 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް މިއަދު އެމްޕީއެލްއިން ބަޔަކާއި ހަވާލުކުރާނެ

  • ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުން 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސްކުރެވޭނެ

މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ އެކި މަރުޙަލާތަކަށް ކުރިއަށްދާ ބޮޑު މަސައްކަތްތަކެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް ކަމަށްވާ 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް މިއަދު އެމްޕީއެލްއިން ބަޔަކާއި ހަވާލުކުރާނެކަމަށެވެ.

ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ 2 ކިލޯމީޓަރުގެ ކީވޯލްއާއި، ޕޭވްކުރުމާއި، އިމާރާތްތައް އެޅުމާއި އަދި އިކުއިޕްމަންޓް ހޯދުމަށް މިއަހަރުގެ މެދުތެރޭ އެކި ފަރާތްތަކަށް ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހައި މަސައްކަތެއް ނިންމައި 11 ނޮވެމްބަރ 2027 ވަނަ އަހަރު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

"މި ބަދަލާއިއެކު ބަނދަރުގެ ޚިދުމަތްތައް ފެށުމާއިއެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯތު 48 ގަޑިއިރުން ހުސްކުރެވި ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެ. މި ހުރިހައި ބަދަލުތަކާއިއެކު މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ. އަދި މިހާރު މާލޭގައި ގުދަންކުރެވޭ މުދާ ތިލަފުށީގައި ގުދަން ކުރުމުގެ ފުރުސަތު ފަހިވެ މާލޭގެ މާރުކޭޓް ސަރަހައްދުގައި މިހާރު ކުރަމުންދާ ހޯލްސޭލް ވިޔަފާރި އެކީގައިހެން ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއިއެކު މުދާ އުފުލާ ބޯޓުތަކަށް ފަސޭހަކަމާއިއެކު ބަނދަރުކުރެވި މުދާ އަރުވާ ބޭލުމަށް ބަނދަރުގައި މަޑުކުރަންޖެހޭ ދުވަސްތައް މަދުވެ ރަށްރަށައް މުދާ ގެންދިއުން އަވަސްވެގެންދާނެކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަންކުރަން ޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި މިހާރު މާލޭގެ އެންމެ ކާރޫބާރުބޮޑު މާރުކޭޓް ސަރަހައްދާއި އެމްޕީއެލް ސަރަހައްދު ދުއްވާ ތަކެއްޗަށް ފަސޭހަވެ މީހުން ހިނގާ ބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ބަދަލުވެގެންދާނެކަމަށެވެ.