ޚަބަރު

އަންނަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ


  • ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00އިން 11:00އަށް

  • އަންނަ މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވަޒީރަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ

އަންނަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނާއި މީޑިއާތަކާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އަންނަ މަހުން ފެށިގެން އާންމު އުޞޫލެއްގެ މަތިން ކޮންމެ ހަފްތާއެއްގެ ހޯމަދުވަހު ނޫސްވެރިންނާ 1 ގަޑިއިރަށް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނެއެވެ. ރައީސް ވިދާޅުވީ އަންނަ މަހުން ފެށިގެން ހަފްތާގެ އެއްފަހަރު ކޮންމެވެސް އެއް ވަޒީރަކު ނޫސްވެރިންނާ އެއްގަޑިއިރަށް ބައްދަލުކުރައްވާނެކަމަށެވެ. މި ބައްދަލުވުންތަކުގެ ތާވަލު ރައީސް އޮފީހުން ހާމަކުރައްވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ނުވަތަ އެނޫންވެސް ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދު މިކަން މިގޮތުގައި ކުރިއަށްގެންދިޔުމުގައި ދެމިހުންނާން." ރައީސުލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ހަރަކާތްތައް ހިއްސާ ކުރައްވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން މިދިޔަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީޑިއާތައް ހިމެނޭގޮތަށް 424 ފަހަރަކު ވަޒީރުން އެކި މީޑިއާތަކަށް މަޢޫލޫމާތާއި އިންޓަވިއު ދިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ އާންމު ރައްޔިތުން ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް ހުރިނަމަ އެކަމަށް އެދި ފޯމް ހުށަހެޅުމުން ޤާނޫނީ ހުދޫދުގެ ތެރެއިން އާންމު ކުރެއްވެން އޮތް އެންމެ ފުޅާމިނުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުން ހާމަކުރަމުންދާކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ރައީސް އޮފީހާއި ވުޒާރާތަކަށް 1341 އާރްޓީއައި ފޮނުވާފައިވާއިރު 1251 އާރްޓީއައިއަށް މަޢުލޫމާތު ދީފައިވެއެވެ. މިއީ %93 އިންސައްތައެވެ. ރައީސް ވިދާޅުވީ ޖަވާބު ނުދެވި ހުރި އާރްޓީއައަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.