ޚަބަރު

މީޑިއާ ވިލެޖު މިއަހަރު ބޭނުންކުރަން ފަށަނީ


  • މީޑިޔާ ވިލެޖުގައި 34 ޖާގަ ހިމެނޭ

މީޑިއާތަކަށް ޚާއްޞަ ކޮށްގެން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާ މިއަހަރު ބޭނުން ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މީޑިއާ ވިލެޖާއި، ޔޫތު ސެންޓަރު އަދި މެޑިކަލް ކޮލެޖު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ މަސައްކަތް ނިންމައި، އެތަން ހިންގުމަށް ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ވަނީ ޙަވާލުކޮށްފައެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީޑިޔާތަކުން އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި، ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މާލީގޮތުން ކުރިމަތިލާން ޖެހިފައި އޮންނަ ދަތި ޙާލަތުން އަރައިގަނެ، ލިބޭ އާމްދަނީއިން މީޑިއާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކުޑައަގެއްގައި ކުއްޔަށް ނެގޭނެ އޮފީހާއި، ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް ހަލުއި ދުވެއްޔެއްގައި ކުރިޔަށްދާ ކަމަށެވެ.

ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށާއި، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ހެދި އިމާރާތް ރާއްޖޭގެ ތަރައްޤީއަަށް އިންޤިލާބީ ބަދަލެއް ގެންނާނެ ފަދަ ގޮތަކަށް ތަރައްޤީކޮށް އެތަނުގެ ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

ޤައުމު ތަރައްޤީކުރުމުގެ އައު އިސްތިރާޖީ ތަޞައްވުރުގެ ބައެއްގެ ގޮތުން، "މަންހަޓަން ގްރޭންޑު"ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްޤީކުރާއިރު، އެތަނުގެ 3 ނުވަތަ 5 ފަންގިފިލާ ޚާއްޞަ ކުރަނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު 4 ވަޢުދެއް ފުއްދާ ދިނުމަށެވެ. އެގޮތުން ޔޫތު ސެންޓަރަކާއެކު މީޑިއާ ވިލެޖާއި، މެޑިކަލް ކޮލެޖާއި، ތަރިކަ ކޮލެޖު އެ އިމާރާތުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.