ޚަބަރު

ތިލަފުށީގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޙަވާލުކޮށްފި


  • މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއި

  • ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ

ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޝްވާނެވެ. އަދި ޗައިނާ ހާބަރ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މިސްޓަރ މާއޯ ބާއޯއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވިދާޅުވީ މިއީ ތާރީހީ ދުވަހެއް ކަމަށެވެ. އަދި ރައީސް ވިދާޅުވި ފަދައިން މިއަދަކީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސާދީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ވޭތުވެދިޔަ 40 އަހަރު ދުވަހު އެމްޕީއެލް އިން ދެކެމުން އައި އުންމީދެއް ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު އޮތް 5 ހެކްޓަރުގެ ޕޯޓު، 20 ހެކްޓަރަށް ބަދަލުވެގެންދާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. އަދި މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް ގާއިމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

އާ ބަނދަރުގެ މަސައްކަތް ނިމުމުން، މުދާ ކްލިއަރ ކުރުމަށް މިހާރު ހޭދަވާ 5 ދުވަސް 48 ގަޑިއިރަށް ކުރުވެގެންދާނެ ކަމަށް އެމްޕީއެލް އިން ލަފާކުރެއެވެ. މިއީ ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތަކަށް ފަސޭހަވާނެހެން ފަރުމާކުރެވޭ ބަނދަރެކެވެ. މި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން، މިހާރު ބޭނުންކުރާ މާފަންނު ބަނދަރު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ހުސްކުރެވޭނެ ކަމަށްވެސް އެމްޕީއެލުން ވިދާޅުވެއެވެ.

މިހާރު ހަވާލުކުރެވިފައިވަނީ ޑިޒައިންގެ މަސައްކަތްތައް ކަމަށާއި، އެ މަސައްކަތް ނިމުމާއެކު އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.

މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން މާލެ، ހުޅުމާލެ ވިޔަފާރި ބަނދަރު އަދި ޓީ-ޖެޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ފާހަގަކުރެއެވެ.