ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗުގައި ހޯދި މޮޅާއެކު ދުވާފަރުން މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ދުވާފަރުން ކުއާޓަރގެ ޖާގަ ހޯދީ ހުޅުމާލެ ރެހެންދި ދަނޑުގެ ގްރައުންޑް 1 ގައި ސ. ހިތަދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗުން ދުވާފަރު މޮޅުވީ 3-5 ގެ ނަތީޖާއަކުންނެވެ.
ވަރަށް ވާދަވެރި، ސަޕޯޓަރުން ބަލާހިތްވާނެފަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދުވާފަރުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނޫހު އިބްރާޙީމާއި މުޙައްމަދު ޖުމާން އަޙްމަދުގެ އިތުރުން އިބްރާޙީމް އަނާން އަލީ އާއި އަބްދުﷲ ލޫތު އިބްރާޙީމް އަދި ޙަސަން އަޒޫމް އަލީއެވެ.
ބަލިވި ނަމަވެސް މެޗުގައި ތަފާތު ހިތްވަރެއް ދެއްކި ހިތަދޫގެ ލަނޑުތައް މެޗުގައި ޖަހައިދިނީ ޝާޝް ޝަރީފާއި މުޙައްމަދު ސަބާޙުއެވެ. ޝާޝް ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދުވާފަރުގެ އިސާމް އެވެ.
މި މޮޅާއެކު ދުވާފަރުން މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދިއިރު، ކުއާޓަރ ފައިނަލުގައި ދުވާފަރު ނުކުންނާނީ ބ. އޭދަފުއްޓާ ދެކޮޅަށެވެ.
އޭދަފުށިން ކުއާޓަރގެ ޖާގައެއް ހޯދީ ރައުންޑް އޮފް 16 ގެ ދެވަނަ މެޗުގައި މައްޗަންގޯޅީގެ މައްޗަށް 0-1 އިން ހޯދި މޮޅާއެކުއެވެ.