ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރިންނާއި، އޮފިޝަލުންނަށް މިއަދުން ފެށިގެން ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެއްވަން ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއް ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސްގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.
ކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން މިއަދު ފަށައިފިން.
— Dr Mohamed Muizzu (@MMuizzu) February 5, 2026
ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ވާނީ ހަމަޖެހިފައި. މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން…
ކުޅިވަރު އެތުލީޓުންނަށް ހެލްތު އިންޝުއަރެންސްގެ ފުރުޞަތު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ދިނުމުގައި މީގެކުރިން ގޮންޖެހުމަކަށް ވެފައި އޮތީ ކުޑަ ދުވަސްކޮޅަކަށްފަހު ކުޅުންތެރިން ސްކޮޑުން ބަދަލުވުން ކަމަށާއި، އެހެންނަމަވެސް މިހާރު އެކަމަށްވެސް ހައްލެއް ހޯދިއްޖެ ކަމަށް މީގެ ކުރިން ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ވަކި ކުޅުންތެރިޔަކަށް އިންޝުއަރެންސް ދިނުމުގެ ބަދަލުގައި ވަކި އަދަދެއް ކަނޑައަޅައިގެން އެކަން ކުރެވޭގޮތަށް މިހާރު ކުންފުނިތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ވާހަކަދެކެވި އެކަމަށްވެސް ހައްލު ހޯދިއްޖެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.