ތިމާވެށި

ޞިއްޙީ ޚިދުމަތް ދޭ ތަންތަނަށް ޚާއްޞަ ކުނިއަންދާ މެޝިންތަކެއް


އެއްވަނަ ދަރަޖައިގެ އަށް ހެލްތް ސެންޓަރަކަށް ހޯއްދަވާ ކުނި އަންދާ މެޝިންތައް އަންނަ އަހަރު ފެށުމުގެ ކުރިން ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ސަރުކާރުން ހިންގަވާ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ނައްތާލަންޖެހޭ ޚާއްޞަ ކުނި އެންދުމަށް މެޝިންތަކެއް، ހެލްތު މިނިސްޓްރީން މި ހޯއްދަވަނީ އެފަދަ ތަންތަނުން ނައްތާލަންޖެހޭ ކުނީގެ ބާވަތްތަކަކީ ޚާއްޞަ ތަފާތު ބާވަތްތަކަކަށްވާތީއެވެ.

ހޮސްޕިޓަލްތަކުގެ އިތުރުން އެންމެ ގިނަ މީހުން ފަރުވާހޯދަންދާ އެއްތަނަކީ ރަށްރަށުގައި ހުންނަ ހެލެތް ސެންޓަރުތަކެވެ. ހެލްތް ސެންޓަރުތަކުން މީހުން ހޯދާ ފަރުވާގެ ތެރޭގައި، ބޭސް އެޅުމާއި އިންޖެކްޝަން ޖެހުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ ކަންތައްތަކަށް ބޭނުންކުރާ ތަކެއްޗަކީ ރައްކާތެރި ގޮތުގައި ނައްތާލަންޖެހޭ ތަކެއްޗެވެ. އެހެންކަމުން މިފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށްޓަކައި ހެލްތް މިނިސްޓްރީން ވަނީ ހެލްތް ސެންޓަރުތަކަށް ޚާއްޞަ ކުނިއަންދާ މެޝިންތަކެއް ހޯދެވުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން އެއްވަނަ ދަރަޖައިގެ 8 ހެލްތް ސެންޓަރަކަށް ކުނިއަންދާ މެޝިން ހޯދެވުމަށް ވަނީ ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވާފައެވެ. ކުނިއަންދާ މި މެޝިންތަކަކީ މެނުއަލްކޮށް ބޭނުންކުރާ މެޝިންތަކެއްކަމަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީޑިރެކްޓަރ ޖެނެރަލް އަޙްމަދު ޤާސިމް ވިދާޅުވިއެވެ.

"ހެލްތް ސެންޓަރުތަކުން ބޭނުންކުރާ ނައްތާލަންޖެހޭ މެޑިކަލް ހަޒާޓްސްކަހަލަ އެއްޗެހިތައް މީގައި އަންދާނީ. ދެން އަޅުގަނޑުމެން ކުނިގޮނޑުގައި ކައުންސިލްތަކާއި ގުޅައިގެން މިނިންމީވެސް ހެލްތް ސެންޓަރތައް މިހުންނަނީވެސް މީހުން އުޅޭ ސަރަޙައްދުގައި. އެހެންވީމަ  އެއިން އަރާ ދުން ކޮންމެވެސް ވަރަކަށް އާންމުނަށް އުނދަގޫވާތީ އެޝަކުވާތައް ކުރިންވެސް ލިބެމުން އައީ. އެހެންވީމަ  މިފަހަރު މިބަލަނީ ކުނިއަންދާ ބާނާތައް  ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާކޮށްގެން ކުނިގޮނޑުގައި ވަކި ސައިޓެއް ހަދާފައި ކުނި ގޮނޑުގައި ބަހައްޓައިގެން އަޅުގަނޑުމެންގެ ސްޓާފަކު ކޮންމެދުވަހަކު ގޮއްސަ މި ދެންނެވި ސާމާނު އަންދާލުން" ޤާސިމް ވިދާޅުވިއެވެ.

ރާއްޖޭގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ޚިދުމަތް ދެއްވާ ހުރިހާ ތަނަކަށް ކުނިއަންދާ މެޝިންތައް ހޯދަވައިދެއްވުމުގެ ވިސްނެވުން ސަރުކާރުން ގެންގުޅުއްވާކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ކުނި އަންދާ މެޝިން ހޯދެއްވުމުގެ މަސައްކަތް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ކުރައްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ކުނިއަންދާ މެޝިންތައް ޞިއްޙީ މަރުކަޒުތަކަށް ދެއްވުމުގައި ގިނައަދަދަކަށް މީހުން ޚިދުމަތް ހޯދަވާ ހެލްތް ސެންޓަރުތަކަށް އިސްކަންދެއްވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތް ސެންޓަރުތަކުން އުކާލެވޭ ކުންޏަކީ ރައްކާތެރިކަމާއެކު ނައްތާލެވެންޖެހޭނެ އެއްޗެއްކަމުގައި ޤާސިމް ސިފަކުރައްވަމުން ވިދާޅުވީ ކުނިއަންދާ މެޝިންތަކުން އަންދާ ކުނީގެ އަޅިވެސް ރައްކާތެރިކަމާއެކު ނައްތާލަން ޖެހޭނެކަމަށެވެ.

"މި މެޝިނުން އަންދަނީ ވަކިވައްތަރެއްގެ ކުންޏެއް. އެހެންވީމަ އިންސިނެރަޓުން ކުނިއަންދާ އުޞޫލުން ނުވެ ހިނގައިދާނެ. މި މެޝިނުން އަންދާ ކުނީގެ އަޅިވެސް ރައްކާތެރި ގޮތުގައި ނައްތާލަން ޖެހޭނެ.. އެހެންވީމަ މިއެއްޗެހި ޖެހޭނީ ރައްކާތެރިގޮތުގައި ނައްތާލަން.  މި ކުނިއަންދާ މެޝިނުންވެސް އަންދާ އަޅިއަށްވާއިރު ޖަރާސީމް އެއްކޮށް ނައްތާލެވޭ ވަރުވާނެކަމަށް. އެހެންވީމަ އޭގެ އެއްވެސް ސުވާލެނެއްކަމަށް. މިއަޅިތައްވެސް ރައްކާތެރިކަމާއެކު ނައްތާލާނެ މެޑީކަލް ޓީމުން މަޝްވަރާ ދެއްވާގޮތުން" ޤާސިމް ވިދާޅުވިއެވެ. 

ހެލްތް މިނިސްޓްރީން ހޯދެވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކުނި އަންދާ މެޝިންތައް ކުރިޔަށް އޮތް ތިންމަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.