ޚަބަރު

އެމެރިކާއާއި އީރާނުގެ ނުތަނަވަސްކަން ކުޑަކުރަން ތުރުކީވިލާތުން މަސައްކަތް ކުރަނީ


‏އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެ، މެދުއިރުމަތި ހަމަނުޖެހުމުގެ ތެރެއަށް ދިޔަ ނުދިނުމަށް ތުރުކީވިލާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާ ކުރުމަށް ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފުރަތަމަ ބޭއްވުމަށް ނިންމީ ތުރުކީވިލާތުގެ އިންތަންބޫލުގައެވެ. ނަމަވެސް އީރާނުން ވަނީ މަޝްވަރާތައް ތުރުކީވިލާތުގެ ބަދަލުގައި ޢުމާނުގައި ބޭއްވުމަށާއި، ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް ހަމައެކަނި ނިއުކްލިޔަރއާ ގުޅުންހުރި މައުޟޫތަކަށް ހަނި ކުރުމަށް ބާރުއަޅައިފައެވެ. އެއާއެކު އެމެރިކާގެ އެއްބަސްވުމާއެކު ބައްދަލުވުން ބާއްވާ ޤައުމު މިހާރު ވަނީ ޢުމާންއަށް ބަދަލުކޮށފައެވެ. ނަމަވެސް ބައްދަލުވުމުގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މިހާތަނަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ.

ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ބާއްވާ މަޝްވަރާތައް ބާއްވާ ތަނާއި ދެކެވޭ ވާހަކަތަކާ މެދު ދެ ފަރާތުގެ ދެމެދުގައި ދެބަސްވުންތައް އުފެދުމުން ތާވަލާ އެއްގޮތަށް އެ ބައްދަލުވުން ކުރިއަށް ގެންދެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. މަޝްވަރާތައް ކުރިއަށް ނުގެންދެވޭ ނަމަ އަދި މަޝްވަރާތަކުގައި އެދެވޭ ނަތީޖާއަކާ ހަަމައަށް ވާސިލް ނުވެވިއްޖެ ނަމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވާ ގޮތަށް އެ ޤައުމުން އީރާނަށް ޙަމަލާއެއް ދިނުން އެކަށީގެންވެއެވެ. އެމެރިކާއިން އީރާނަށް ޙަމަލާއެއް ދީފި ނަމަ އީރާނުން ރައްދުގައި ޙަމަލާ ދޭނެ ކަމަށް އެ ޤައުމުން ބުނެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އީރާނާއި އެެމެރިކާއާ ދެމެދު ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ބާއްވާ މަޝްވަރާތަކަށްފަހު، އެމެރިކާއާއި އީރާނުގެ އެންމެ އިސްވެރިންގެ މެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދިޔުން މުހިންމު ކަމަށެވެ. މި ޙާލަތުގައި މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް ތުރުކީވިލާތުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނާއެކު ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މުޝީރު، ޖާރެޑް ކުޝްނާއާއި ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއެވެ. އީރާނުގެ ފަރާތުން އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ދެ ޤައުމުގެ އިތުރުން ސަރަަޙައްދީ ޤައުމުގެ ވަޒީރުން ވެސް ބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

އީރާނުގެ ދާޚިލީ މަސްދަރަކުން މީގެ ކުރިން ބުނި ގޮތުގައި އެ ޤައުމުން މަޝްވަރާތަކުގައި ބައިވެރިވަނީ މާ ބޮޑު އުންމީދެއް، އަދި ނާއުންމީދެއް ވެސް ނެތިއެވެ. އީރާނުގެ ދިފާޢީ ބާރުވެރިކަމަކީ އެ ކަމާމެދު ސުވާލު އުފެއްދޭނެ ކަމެއް ނޫން ކަމަށާއި، އެ ޤައުމުން ކޮންމެ ޙާލަތަކަށް ވެސް ތައްޔާރަށް އޮތް ކަމަށް އެ މަސްދަރުން ބުނެއެވެ.