ޚަބަރު

ކާވާ ވިމެންސް: ނޭޕާލް ޕޮލިހާއި ފޫލާދު ސެޕަހާންއަށް މޮޅެއް


  • ނޭޕާލް ޕޮލިސް ކުލަބުން މެޗު ކާމިޔާބުކުރީ ހޫމޯ އަތުން 3-1 ސެޓުން

  • އިރާނުގެ ފޫލާދު ސެޕަހާން އަތުން ހުރާ ބަލިވީ 3-1 ސެޓުން

ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ ވިމެންސް ޗެމްޕިއަންސް ލީގުގައި ނޭޕާލް ޕޮލިސް ކުލަބާއި އިރާނުގެ ފޫލާދު ސެޕަހާނުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބުރާސްފަތި ދުވަހުގެ ހަވީރު ނޭޕާލް ޕޮލިސް ކުލަބުން ވަނީ އުޒްބަކިސްތާނުގެ ހޫމޯ ވީސީ އަތުން 3-1 ސެޓުން މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ ސެޓުން ނޭޕާލް ޕޮލިސް މޮޅުވީ 30-28 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓުގައި ހޫމޯއިން ކުޅުން ރަނގަޅުކުރިއިރު އެ ޓީމުން ވަނީ 25-21 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ނޭޕާލުން ކާމިޔާބުކުރީ 25-21 އަދި 25-23 އިންނެވެ.

މެޗުން ބަލިވި ނަމަވެސް ހޫމޯ ވީސީގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މިއީ އެ ޓީމުން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބު އަތުން ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ އިރާނުގެ ފޫލާދު ސެޕަހާން އަތުން ހުރާ ބަލިވީ 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފޫލާދު ސެޕަހާނުން ގެންދިޔައީ 25-14 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް، ހުރާއިން ވަނީ 25-23 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.

ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓުގައި އިރާނު ފެނުނީ ފުރަތަމަ ސެޓުގައި ފެނުނު ކުޅުމެވެ. އެގޮތުން ތިންވަނަ ސެޓު 25-14 އިން ކާމިޔާބުކުރިއިރު، ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 25-12 އިންނެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިތުރު ފަސް ގައުމެއްގެ ކްލަބްތަކުން ވާދަކުރެއެވެ. އެއީ، ސްރީ ލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބް، ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކްލަބް، ނޭޕާލްގެ ޕޮލިސް ކްލަބް، އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބް އަދި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އެވެ.

ގްރޫޕް އޭގައި ހިމެނެނީ، ވެމްކޯ، ހިރުދަރަމާނީ އަދި ޓުރާނެވެ.

ގްރޫޕް ބީގައި ހިމެނެނީ، ނޭޕާލް ޕޮލިސް ކްލަބް، ހޫމޯ ވޮލީބޯލް ކްލަބް، ފޫލާދު މުބާރަކާ ސެޕަހާން އަދި ހުރާއެވެ.