ކުރީ ސަރުކާރުން ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ފެންނަ ކަމަށް ނިންމުމާ ގުޅިގެން ގިނަ ރައްޔިތުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އެއީ ދިވެހިންގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްކަން ތާރީޚުގެ ހެކިތަކުން އެނގެންހުރި އިރު ޤައުމުގެ ބައެއް ދޫކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ އެތަން އަނބުރާ ހޯދުމަށް އެތައް ބަޔަކު ގޮވާލިއެވެ. އެކަމަށް އިޖާބަދެއްވައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ފޯޅަވަހި ހޯދުމުގެ މަސައްކަތް ހިމެނެއެވެ.
އަދުގެ ސަރުކާރުން ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 3ވަނަ ރިޔާސީ ބަޔާނުގައި ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، އިނގިރޭސިވިލާތާއެކު މަޝްވަރާތައް ކުރެވި، ކުރީ ސަރުކާރުގެ ނިންމުން ގަބޫލުނުކުރައްވާ ކަމަށާއި ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންދިއުމަށް ނިންމެވި ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.
އެމަނިކުފާނު މިގޮތަށް އިއުލާންކުރެއްވުމަށްފަހު އަވަސް ފިޔަވަޅުތަކެއްވެސްވަނީ އަޅުއްވާފައެެވެ. އެގޮތުން، ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށް ފަހު އެ ސްޓޭންޑް ބަދަލުކޮށްފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަން ބަޔާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ މޮރިޝަސްއަށް ބުރާސްފަތި ދުވަހު އިތުރު ސިޓީއެއް ފޮނުއްވާފައެވެ.
ރައީސް ފޮނުއްވެވި ސިޓީގައި އިންޓަރނޭޝަނަލް ޓްރިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ، އިޓްލޮސްގައި ރާއްޖެއާއި މޮރިޝަސްގެ ކަނޑު ސަރަހައްދާ ގުޅޭ މައްސަލަ ކުރިއަށްދަނިކޮށް ކުރީ ސަރުކާރުން ކުއްލިގޮތަކަށް ނިންމި ނިންމުމުގެ ސަބަބުން ޤައުމަށް އެކި ގޮތްގޮތުން ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އެ މައްސަލަ ބެލުމަށް ޤައުމީ އިންކުއަރީއެއް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތާރީޚީގޮތުން ރާއްޖެއާއި ފޯޅަވައްސާ އޮތް ގުޅުމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އަނބުރާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކުލަވައިލި ވިލަރެސް ކޮމިޓީގެ ރިޕޯޓަށް ރިއާޔަތް ކުރައްވައި ފިޔަވަޅުތައް އެޅުމަށް ކެބިނެޓުން ނިންމާ، ޤާނޫނީ މާހިރުންގެ ލަފަޔާއެކު، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ޤަނޫނީގޮތުން ކުރަންޖެހޭ ކަންކަން ފަށާފައިވާކަން ހާމަކުރައްވާފައެވެ.
ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމާއެކު ކުރީ ސަރުކާރުން ދޫކޮށްލި ބައި ހިމެނޭހެން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް އެމްއެންޑީއެފުންވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެން، ޚާއްޞަ ސަރވައިލަންސް އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ.
ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވުކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުކަމާއި، އެގޮތުން ދިވެހިރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭ އަވަށްޓެރި ޤައުމުތަކާއެކު 31 ޖުލައި 1976 ގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ "ޑިޓަރމިނޭޝަން އޮފް ދަ ޓްރައި ޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި އެހެން އެއްވެސް ޤައުމަކާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްވެސް އެއްބަސްވުމެއް ދިވެހި ސަރުކާރުން އެކުލަވާލާފައިނުވެއެވެ.
ކުރީ ސަރުކާރުން ރާއްޖޭގެ ބައެއް ދޫކޮށްލަން ނިންމި ނިންމުމާ ގުޅިގެން ޤައުމަށް ލިބުނު ފޫނުބެއްދޭ ގެއްލުންތައް ބަލައި ފިޔަވަޅު އަޅުއްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ހާމަކުރެއްވިއެވެ. އެގޮތުން، އެ މައްސަލައިގައި އިންކުއަރީއެއް ފެށުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
"އިއާދަނުކުރެވޭފަދަ ގެއްލުންތަކެއް ލިބިފަވާކަމަށް ލަފާ ލިބިފައިވާތީ، އެކަން ކުރި ފަރާތްތަކާއި ސުވާލުކޮށް، އެކަމުގެ ސަބަބުތައް ދެނެގަނެ، ޤާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާނަން. އެފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް، ޤާނޫނު އަސާސީގެ 115ގެ މާއްދާގެ ދަށުން "ކޮމިޝަން އޮފް އިނކުއަރީ "އެއް އުފެއްދުމަށް ނިންމާފައިވާކަން އިޢުލާނުކުރަން." ރައީސް ވިދާޅުވިއެވެ.
މޮރިޝަސްއާއި އެ ޤައުމުގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ.
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ކަންކަމެވެ. ފޯޅަވަހީން ފެނިފައިވާ، ދިވެހިބަހުން ލިޔެ ކަނޑާނަގާފައިވާ މަހާނަގާތަކަކީ އެތައް ޒަމާނެއް ވަންދެން އޮތް ގާތް ގުޅުމުގެ ހެކިތަކުގެ ތެރެއިން ވަރަށް ބޮޑު ހެއްކެވެ. މި މަހާނަ ގައުތަކާ ރާއްޖޭގެ އެހެން ރަށަތަކުން ފެންނަން ހުރި ކުރީގެ މަހާނަ ގައުތަކާ އެއްވެސް ތަފާތެއް ނެތެވެ.
މީގެ އިތުރުން، އެތައް ގަރުނެއްވީ ދިވެހި ފުލޯކު ވާހަކަތަކުންވެސް ދަތުރުވެރިންނާއި މަސްވެރިން އެ ރަށްރަށުގައި ތިބިކަމުގެ ވާހަކަތައް އެނގެން އެބަހުއްޓެވެ. 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅެއްގައި ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޮތްކަން ބަޔާންކޮށްފައިވެއެވެ. މިއީ މޮރިޝަސްގައި އިންސާނުން އާބާދުވުމުގެ 100 އަހަރަށްވުރެ ކުރީގެ ތާރީޚެކެވެ. ކާބަން-ޑޭޓިންގް ބޭނުންކޮށްގެން ހޯދާފައިވާ އާސާރީ ހެކިތަކުގެ އިތުރުން، 1970ގެ އަހަރުތަކުގައި އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒު ހެދުމަށްޓަކައި އެ ރަށްތަކުން މަޖުބޫރުން ބޭރުކޮށްލި ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭއިން އެމީހުންގެ ކިބައިގައި ދިވެހި ނަސްލާއި ކްރިއޯލް ނަސްލުގެ ހިއްސާ އޮތްކަން ހާމަވެއެވެ.