އައްޑޫ ހުޅުދުއާއި މީދޫގައި ކައުންސިލް އޮފީސް ޤާއިމުކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި ވަނީ، ހުޅުދޫ މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ރައްޔިތުން ވޯޓު ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ރައްޔިތުންގެ ވޯޓާއެކު އަލަށް އުފެދިގެންދާ 2 ކައުންސިލް ކަމުގައިވާ، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ގައި ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި 2 ކައުންސިލަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި މުނިސިޕަލް ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ މުއައްޒަފުން ހަމަކުރުމަށްޓަކައި ކައުންސިލްގެ މުވައްޒަފުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެވި، މުވައްޒަފުން އިތުރު ކުރާނެކަމަށްވެސް ވިދާޅުވިއެވެ.
މިކަމުގެ ބައެއް ތަފްސީލް ޙިއްސާކުރައްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މިކަމާ ގުޅޭ މަސައްކަތްތަކުގައި ވުޒާރާގެ ޓީމެއް އެ ރަށްރަށަށް ގޮސް، ކައުންސިލް އިދާރާ އެކުލަވާލުމާ ގުޅޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ. އާ ކައުންސިލްތައް އޭޕްރިލް މަހު އިންތިޚާބު ކުރާއިރު، އެކަމަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި މުވައްޒަފުންވެސް ނަގާނެކަމަށް ވިދާޅުވިއެވެ.
"މިހާރު އެ ދެ ރަށުގައިވެސް ކައުންސިލް ހިންގާނެ ތަނެއް ނެތް. އިމާރާތެއް ހަމަޖައްސާ، އޮފީހަށް ބޭނުންވާ ވަސީލަތްތައް ހޯދާ، އަދި ޚިދުމަތްތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ ތައްޔާރީތައް ދަނީ ވަމުން. މިހާރު ކައުންސިލްތަކުން މުނިސިޕަލް ޚިދުމަތްތަކާއި އައިޑީ ކާޑު ހެއްދުންފަދަ ޚިދުމަތްތައްވެސް ޤާއިމުކުރޭ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން މިހާރު ފަށާފައިވާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތުގެދަށުން 55 ކައުންސިލްގެ މަސައްކަތް އަހަރުގެ މެދުތެރޭ ނިންމާނެކަމަށެވެ. މިހާތަނަށް 6 ކައުންސިލް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ޖުމުލަ 105 ކައުންސިލެއްގެ މަސައްކަތް ކުރިއަށްދެއެވެ. ވަޒީރު ވިދާޅުވީ އަތޮޅުތަކުގެ 148 ކައުންސިލެއްގެ ޙާލަތު ހުރީ ވަރަށް ދަށްކޮށްކަމަށެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ދެއްވާ ސަމާލުކަން ފެންނަނީ، މީގެކުރިން އެހެން ރަށްތަކުން ހޯދަން ޖެހުނު އެތައް ޚިދުމަތްތަކެއް އަމިއްލަ ރަށުން ލިބޭނެ މަގުފަހިކޮށްދެވަމުންދާތީކަމަށެވެ.
އެގޮތުން ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތްތަކާއި އޭޓީއެމްގެ ޚިދުމަތްތަކަކީ ލާމަރުކަޒުކުރުމުގެ ނިޒާމުގެތެރެއިން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ތަޞައްވުރުކަށެވެ.
ވެރިކަމާ ހަވާލުވެވަޑައިން، ރައްޔިތުންނާ ގާތުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމުގެ މިސާލު ދައްކަވާފަ ލާމަރުކަޒީ ނިޒާމުގައި ކުރިއަށް ދާންވީ ގޮތް ރައީސް ދައްކަވައިފި. ފިނިކޮޓަރި ދޫކުރައްވާ، ރައީސް ސީދާ ކައުންސިލްތަކާ ރައްޔިތުން ގާތަށް އެ ވަޑައިގަންނަވަނީ. ބޮޑު ބަދަލެއް ފެނިއްޖެ. ވަޒީރުންނާ ކުންފުނިތަކުގެ ވެރިން ގޮވައިގެން ރައްޔިތުންގެ ގާތައް ދަނީ. އަޑުއައްސަވާ ރައްޔިތުންގެ ނަޒަރުން ވިސްނަވާ، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ނިންމަވަނީ." ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ރާއްޖެގެ 15 އަތޮޅެއްގެ 19 ރަށުގައި ޕަބްލިކް ވޯކްސް އޮފީސްވެސް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ސަބަބުން ރަށްރަށުގައި ކުރިއަށްގެންދާ މުނިސިޕަލް ކުދި މަސައްކަތްތައް އަވަހަށް ކުރިއަށްގެންދެވި، އެފަދަ ކަންކަމުގައި ރައްޔިތުން އުފުލަންޖެހޭ ދަތިކަމަށް ނިމުމެއް އާންނެއެވެ.
އެގޮތުން މަގުތައް މަރާމާތުކުރުމާއި ބަނދަރުތަކުގެ މަސައްކަތްތައް އަދި ކުއްލި ޙާލަތްތަކުގައި ދޭންޖެހޭ މުނިސިޕަލް އެހީތައްވެސް މި އޮފީސްތައް މެދުވެރިކޮށް ދޭނެއެވެ.