ޚަބަރު

އާމްދަނީއަށް ބަލައިގެން ދަރަނި ދެއްކޭނެކަމުގެ ޔަޤީންކަން އެބައޮތް


  • ސަވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 275 މިލިޔަން ޑޮލަރަށްވުރެ އިތުރަށް އެބަހުރި

  • ޔޫސަބަލް ރިޒާވްގައި މިހާރު 600 މިލިޔަން ޑޮލަރާއި ގާތައް އެބަހުރި

500 މިލިޔަން ޑޮލަރުގެ ސުކޫކު ދެއްކުމަށް، އާމްދަނީއަށް ބަލައިގެން، އަނބުރާ ދެއްކޭނެ ގޮތްތައް ރާވައިގެން ކުރިއަށްދާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ޙަވާލުވީއިރު އެންމެ ބޮޑު މާލީ ނުތަނަވަސްކަމެއް އޮތީ 2017 ވަނަ އަހަރު އެއިރުގެ ސަރުކާރުން އިންޓަނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުން ނެގި 250 މިލިޔަން ޑޮލަރުގެ ބޮންޑު އަދާކުރުމަށް އެއަށްވުރެ ބޮޑު އަގުގައި މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސްކޫކް މި ސަރުކާރުން މިއަހަރު އަނބުރާ ދައްކަން ޖެހުން ކަމަށެވެ. އަދި އައިއެމްއެފްއިން ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ބެހޭގޮތުން 23 ނޮވެމްބަރ 2022 ގައި ތައްޔާރުކުރި އާޓިކަލް ރިޕޯޓުގައި ދިވެހިރާއްޖެ އޮތީ "އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް" ގައި ކަމަށް ބަޔާންކޮށްފައިވުން އެއީ އަނެއް ބޮޑު ގޮންޖެހުން ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ކުރީގެ ސަރުކާރާ ހިލާފަށް، އަންނަ އެޕްރީލް މަހު ދައްކަންޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކު ދެއްކުމަށް، ރީފައިނޭންސް ކުރަނީ ކުޑަ އިންޓަރެސްޓެއްގައި، އާމްދަނީއަށް ބަލައިގެން، އެ އަނބުރާ ދެއްކޭނެ ގޮތްތައް ރާވައިގެން ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި މަސައްކަތުން، އެ ދަރަނި ދެއްކުމުގެ ގާބިލުކަން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު އަދި ޔޫޒަބަލް ރިޒާވްގައި މިހާރު އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު އެބަހުއްޓޭ ސޮވަރިން ޑިވެލޮޕްމަންޓްގައި ފައިސާ ދެއްކުމަށްޓަކައި 275 މިލިޔަން ޑޮލަރަށްވުރެ އިތުރަށް. އޭގެ މާނައަކީ 2017ގައި ނެގިފައި އޮތް 250 މިލިޔަން ޑޮލަރުގެ ދަރަނި މިހާރު ދައްކަންވީ ފައިސާ އެހެނީ. އަދި އޭގެ އިތުރަށް 25 މިލިޔަން ޑޮލަރު އެބަހުރި". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 275 މިލިޔަން ޑޮލަރަށްވުރެ އިތުރަށް އެބަހުރިކަމަށެވެ. ޔޫސަބަލް ރިޒާވްގައި މިހާރު 600 މިލިޔަން ޑޮލަރާއި ގާތައް ހުރިއިރު ގްރޮސް ރިޒާވްގައި 1.1 ބިލިޔަނަށްވުރެ އިތުރަށް އެބަހުރިކަމަށެވެ. އެހެންކަމުން ސްކޫކް މިއަދު ދައްކަން ޖެހުނު ނަމަވެސް ދެއްކޭނެ ގާބިލުކަން އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ލިކުއިޑިޓީ ހާލަތަށް ބަލައި، ސުކޫކު ރީފައިނޭންސް ކުރަން ބޭނުންވާ 150 މިލިއަނެއްހާ ޑޮލަރުގެ ދަރަނި ނަގަންޖެހޭއިރު، ވަރަށް ކުޑަ އިންޓަރެސްޓެއްގައި އެ ފައިސާ ހޯދޭނެ ހާލަތަކަށް ރާއްޖޭގެ މާލީ ހާލަތު މި ސަރުކާރުން ގެންގޮސްފައިވާކަމަށެވެ.