ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުތަކުގައި އިމަރޖެންސީ ހާލަތްތަކުގައި ބޭނުންވާނެ ސާމާނުތައް ރައްކާކޮށްފައި ހުންނާނެކަމަށް ނޭޝަނަލް ޑިޒަސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫއާއި ލ. އަތޮޅުގައި ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އިޖާބަދިނުމުގެ ހުރިހާ މަރުހަލާއެއްވެސް މިހާރު ކުރިއަށް ގެންދަނީ މާލޭގައެވެ. މިއާއެކު އަތޮޅުތަކުގައި ދިމާވާ ހާދިސާތަކަށް އިޖާބަދީ ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގިނަ ވަގުތު ނަގައެވެ. ނަމަވެސް މިފަދަ ސެންޓަރުތަކާއެކު އެހީތެރިކަން ފޯރުކޮށްދިނުން އަވަސްވެގެންދާނެކަން އެންޑީއެމްއޭއިން ފާހަގަކުރައްވައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ރީޖަނަލް އިމަރޖެންސީ ސެންޓަރުތަކުގެ ގުދަންތަކުގައި ކުއްލި ހާލަތްތަކުގައި ބޭނުންވާނެ ސާމާނު ރައްކާކޮށްފައި ބަހައްޓާނެކަމަށެވެ. އެގޮތުން ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާނެ އެކި އެކި ސާމާނާއި، ރައްކާތެރިވުމަށް ބޭނުންވާ ސާމާނާއި އިޖާބަ ދޭ މުއައްސަސާތަކަށް ބޭނުންވާނެ ސާމާނުވެސް ރައްކާކޮށްފައި ހުންނާނެކަމަށެވެ.
ހިސާން ވިދާޅުވީ ކާރިސީ ނޫން ހާލަތްތަކުގައި އެ ސެންޓަރުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި މުޖުތަމަޢުގެ ތައްޔާރީ ހާލަތު އިތުރުކޮށް އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްކަމަށެވެ. ހިސާން ވިދާޅުވީ އެ ސެންޓަރުތައް ތަރައްޤީކުރަނީ ހުރިހާ ގޮތަކަށްވެސް ބޭނުންކުރެވޭނެ ގޮތަށްކަމަށެވެ. އެއާއެކު ކާރިސީ ހާލަތްތަކުގައި އެހީތެރިކަން އަވަހަށް ފޮރުކޮށްދެވިގެންދާނެކަމަށެވެ.
"ބައެއްފަހަރު ވައިގެ މަގުންނާއި ކަނޑުމަގުންވެސް ތަކެތި ފޮނުވުމަށް އުނދަގޫތަކެއް ކުރިމަތިވޭ އެބަ. ވަގުތުވެސް ނަގާ. އެހީ ބޭނުންވާ މީހުންނަށް މީގެ ސަބަބުން ދަތި އުނދަގޫތަކެއް ކުރިމަތިވޭ. އެ އަވަސް ކުރުމަކީ އެންމެ މުހިއްމު ކަންތައް." ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ރީޖަނަލް އިމަޖެންސީ ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ގދ. ތިނަދޫގައިވެސް އެފަދަ ސެންޓަރެއް ތަރައްޤީކުރުމަށް ބަޖެޓުކޮށްފައިވާކަމަށެވެ. ކާރިސާތަކަށް އިޖާބަދިނުމަށްޓަކައި އަތޮޅުތެރޭގައި ބޭނުންވާނެ ވަޞީލަތްތައް ޤާއިމްކޮށް ހުރިހާ ރަށަކަށް ފުޅާކުރުމަކީ އިސްކަމެއް ދެއްވާކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ފެންބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެން ހިންދާ ވަޞީލަތްތައް ޤާއިމްކުުމުގެ މަސައްކަތްވަނީ ފަށާފައެވެ. ހިސާން ވިދާޅުވީ ފެންހިންދާ ޕަންޕުތައް ފޯރުކޮށް ދެވިފައި ނުވާ ހުރިހާ ރަށަކަށް އެތަކެތި ކުރިއަށް އޮތް 2 އަހަރުދުވަހުގެ ތެރޭގައި ފޯރުކޯށްދޭނެކަމަށެވެ.
ހިސާން ވިދާޅުވީ، ފެން ހިންދާ ޕަންޕުގެ އިތުރުން އަލިފާން ނިއްވާ ސާމާނު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށާއި 40 ރަށަކަށް އެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެތަކެތި އެންމެ ބޭނުންވާ ރަށްރަށައް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފްއާ ގުޅިގެން ކުރަމުންދާނެކަމަށެވެ.