ޚަބަރު

އެމްޓީސީސީން ކުޅުދުއްފުށީގައި ބޭއްވި ވޯކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް


  • ވޯކިން އިންޓަރވިއު ކުރިއަށްދިޔައީ ހެނދުނު 10:00އިން ހަވީރު 16:00އަށް

  • 50 ވަޒީފާއަކަށް ފުރުޞަތު ހުޅުވާލާފައިވޭ

އެމްޓީސީސީން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ވޯކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މި ވޯކިން އިންޓަވިއުތައް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އާ ހަމައަށް ކުޅުދުއްފުށި ސިޓީގައި ހުންނަ އާރްޓީއެލް ފެރީ ޓަރމިނަލުގައެވެ.

މި އިންޓަވިއުތަކަކީ އެމްޓީސީސީގެ އެކި މަޤާމުތަކަށް ބޭނުންވާ 50 މުވައްޒަފުން ހޯދުމަށް ބޭއްވި ހަރަކާތެކެވެ. މީގެ ތެރޭގައި ޑްރެޖް ކުރޫ، ވެލްޑަރުން، ޑްރެޖް ސުޕަވައިޒަރުން، ޓަގް އޮޕަރޭޓަރުން އަދި ޓަގް ކުރޫގެ އިތުރުން ޑްރެޖް އޮޕަރޭޓަރާއި މެކޭނިކް ޓްރެއިނީންގެ މަޤާމުތައް ހިމެނެއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި އިންޓަވިއުތައް ނިމިގެންދިޔައީ އުންމީދު ކުރިވަރަށް ވުރެ ވެސް ބޮޑު ތަރުހީބަކާއެކުގައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށި ސިޓީއާއި އުތުރުގެ ސަރަހައްދުން ވަޒީފާ ބޭނުންވާ ފަރާތްތަކުގެ ޕޫލެއް އެކުލަވާލައި، އެ ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުންކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި ވަޒީފާތަކަށް ހޮވޭ ފަރާތްތައް އެމްޓީސީސީން ކުރިއަށްގެންދާ ތަރައްޤީގެ އެކި މަޝްރޫއުތަކުގައި އަމަލީ ގޮތުން ބައިވެރިވާނެއެވެ. މިއީ ރާއްޖޭގެ އަތޮޅުތަކުގައި ތިބި ހުނަރުވެރި ދިވެހިންނަށް ކުންފުނީގެ ވަޒީފާތަކަށް ވަނުމަށް ހުޅުވާލެވުނު ރަނގަޅު ފުރުޞަތެއް ކަމަށް އެ ކުންފުނިން ފާހަގަކުރައްވައެވެ.

އެމްޓީސީސީން އަންނަނީ އެކި ދުވަސްވަރު މަތީން މިފަދަ ވޯކިން އިންޓަވިއުތައް ބާއްވައި އެކުންފުނީގެ އެކި ވަޒީފާތަކަށް މުވައްޒަފުން ނަގަމުންނެވެ.