ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސްގެ ތަސައްވުރުގެ ދަށުން އައްޑޫއަކީ ވިޔަފާރި ހަބަކަށް ހެދުމަށް ކުރައްވާ މަސައްކަތައް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި އެމްޕީއެލްއާއެކު ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ރިޔާސީ ބަޔާނުގައި އައްޑޫ ޕޯޓްގައި ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ ނިޒާމެއް ޤާއިމުކުރާނެކަމަށް ވިދާޅުވިކަމަށެވެ. އެ ނިޒާމް މިހާރު އެމްޕީއެލްއިން ޤާއިމުކޮށްފައިވާކަމަށެވެ.
އައްޑޫއަށް ރައީސް ކުރެއްސެވި މަންޒަރުން އައްޑޫއަކީ ވިޔަފާރީގެ ހަރަކާތްތައް އުފެދޭނެ އަދި އުފައްދާނެ ވަސީލަތްތަކާއި ސަބަބުތައް ހުރި ތަނަކަށް ހެއްދެވުމަށް ފެއްޓެވި މަސައްކަތައް މިއީ ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ބައިނަލްއަޤްވާމީ ޚިދުމަތްދޭ 2 ޕޯޓް ރާއްޖޭގެ އުތުރާއި ދެކުނުގައި އުފެދިފައި އޮތް އިރުގައި މި 2 ޕޯޓަކީ ސެޓެލައިޓް ޕޯޓުގެ ގޮތުގައި ހަމައެކަނި އޮވެގެން ވިޔަފާރިއެއް ނުއުފެދޭނެކަމަށެވެ. އެތަންތާ ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭގޮތައް ކަންތައްތަކެއް ކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ގަވައިދަށް ގެންނަންޖެހޭ އިސްލާހުކަމުގައި ވިއަސް ގާނޫނަށް ގެންނަންޖެހޭ އިސްލާހުކަމުގައިވިއަސް ނުވަތަ ވިޔަފާރިވެރިން އެތަންތަން ބޭނުންކުރާނެ ސަބަބުތަކަކާއި ވަސީލަތްތަކެއް ގާއިމްކުރުންކަމަށްވިއަސް އެ ބަދަލުތައް ގެންނަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި 2 ޕޯޓު (ކުޅުދުއްފުށި އަދި ހިތަދޫ ޕޯޓް) ވެގެން މިދަނީ ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ ޖާގަ ލިބިގެންދާ 2 ޕޯޓަށް. މީގެތެރޭގައި ކޮންސްޓްރަކްޝަން މުދާ. މިސާލަކަށް ހިލައާއި ވެލި އަދި އެހެނިހެން ކޮންސްޓްރަކްޝަންގެ ބޭނުންތަކަށް ގެންނަ މުދާވެސް މިހާރު ޑިއުޓީ ޕްރީކޮށް ބެހެއްޓޭނެ. އަދި އޭގެ އިތުރަށް ކޮންޓެއިނަރުގައި ގެންނަ މުދާވެސް ބެހެއްޓޭނެ. އަދި ފިނިކޮންގެން ގެންނަ މުދާވެސް ހިތަދޫ ޕޯޓްގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެހޭނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މިއީ 40 އަހަރުގެ ތެރެގައި ވިޔަފަރީގެ ދާއިރާއިން އަންނާނެ އެންމެ ބޮޑު ކުރިއެރުންކަމަށެވެ. މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރ މަހު ތިލަފުއްޓަށް ބަދަލުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިއިއްޒު ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.
ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ 2 ކިލޯމީޓަރުގެ ކީވޯލްއާއި، ޕޭވްކުރުމާއި، އިމާރާތްތައް އެޅުމާއި އަދި އިކުއިޕްމަންޓް ހޯދުމަށް މިއަހަރުގެ މެދުތެރޭ އެކި ފަރާތްތަކަށް ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހައި މަސައްކަތެއް ނިންމައި 11 ނޮވެމްބަރ 2027 ވަނަ އަހަރު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.