ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ބްރޯޑްކާސްޓް މީޑިއާ އެވޯޑް ޕީއެސްއެމްއަށް ލިބިއްޖެއެވެ.
މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށްދިޔަ ސީބީއެމްގެ ކުރިކެޓް ހަވީރުގައި މި ހަނދާނީ ފިލާ ޕީއެސްއެމް އާއި ހަވާލުކޮށްދެއްވާފަވަނީ އެއެސޯސިއޭޝަނުގެ ނައިބު ރައީސް އަހުމަދު އިސްހާގުއެވެ. ޕީއެސްއެމްގެ ފަރާތުން މިއެވޯޑާއި ހަވާލުވެލެއްވީ ޕީއެސްއެމް ސްޕޯޓްސްގެ އެޑިޓަރ ރިމާހު އަހުމަދުއެވެ.
ޕީއެސްއެމް ނިއުސް އިން ވަނީ ފާއިތުވެދިޔަ އަހަރު ކުރިކެޓްގެ ގިނަ އިވެންޓުތަކެއް ކަވަރުކޮށް ޓީ 20 ކުރިކެޓް މުބާރާތުގެ ފައިނަލު ވަނީ ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދީފައެވެ. އަދި ހަމަ އެހެންމެ އަތޮޅުތެރޭގައި ކުރިކެޓުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅުން ހުރި މައުލޫމާތު ވެސް ހުސްވިއަހަރު ނިއުސް ޗެނަލުން ވަނީ ގެނެސްދީފައެވެ.
ސީބީއެމްގެ ކުރިކެޓް ހަވީރުގައިވަނީ ކުރިކެޓަށް އެކިގޮތްގޮތުން ޚިދުމަތްކޮށްދެއްވަމުން އަންނަ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށްވެސް އެވޯޑް އަރުވާފައެވެ. އެގޮތުން ކޯޗިންގެ ދާއިރާއިން މި އެވޯޑް ހާސިލްކޮށްފަވަނީ ލ. އަތޮޅު ކުރިކެޓް ޑެވެލޮޕްމެންޓް ކޯޗު ލިރުގާމް ސައީދުއެވެ.
އަމްޕަޔަރިންގެ ދާއިރާއިން މުހަންމަދު އާސިފަށް އެވޯޑް ލިބިފަވާއިރު، ސްކޯކުރުމުގެ ދާއިރާއިން އެވޯޑް ހާސިލްކުރީ މަރްޔަމް ލީން ލުޠުފީއެވެ. މީގެ އިތުރުން ކުރިކެޓަށް ޚިދުމަތްކުރުމުގެ ގޮތުން އެކުވެނީގެ މުވައްޒަފުންނަށްކޮށްދީފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށްވެސްވަނީ އެވޯޑް ހަވާލުކޮށްފައެވެ.
ކުރިކެޓް ކުރިއަރުވާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސީބީއެމްގެ ރައީސް ދެއްވާ ޚާއްސަ އެވޯޑް މިއަހަރު ހޯދާފައިވަނީ ލ. ކުނަހަންދޫއިންނެވެ. އެރަށަކީ ހުނަރުވެރި ކުރިކެޓު ކުޅުންތެރިން އުފައްދަމުން އަންނަ ރަށަކަށްވާއިރު، ރާއްޖޭގެ ގައުމީ އަންހެން ކުރިކެޓް ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން އެރަށަށް ނިސްބަތްވެއެވެ.
ކުރިކެޓް ބޯޑުގެ ކުރިކެޓް ހަވީރުގައި ދީފައިވާ އެހެނިހެން އެވޯޑްތަކަށް ބަލާއިރު، 14 އަހަރުންދަށާއި 16 އަހަރުންދަށުގެ އެންމެ މޮޅު 5 ކުޅުންތެރިންވަނީ ހޮވާފައެވެ. އޭގެ އިތުރުން އަންހެން އަދި ފިރިހެން ކެޓަގަރީގެ އެންމެ އުންމީދީ ކުޅުންތެރިޔާ ހޮވާފަވާއިރު، އެންމެ މޮޅު ބޯލަރާއި، ބެޓްސްމަނާއި، އެންމެ ފާހަގަކޮށްލެވުނު ބިދޭސީ ކުޅުންތެރިޔާގެ އިތުރުން އަތޮޅު ތެރެއިން ހޮވާލެވުނު އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާވަނީ ހޮވާފައެވެ.
މިއަހަރުގެ އެންމެ ފާހަގަކޮށްލެވުނު ކުލަބުގެ ޝަރަފު ހޯދާފަވަނީ ސީބީއެލް ސްޕޯޓްސްއިންނެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފަވަނީ ސީބީއެމްގެ ސެކްރެޓެރީ ޖެނެރަލަކަށް މިއަހަރު އަލަށް އިންތިޚާބުވި އިބްރާހިމް ރިޒާންއެވެ. އޭނާވަނީ ދިގު މުއްދަތެއްވަންދެން ގައުމީ ޓީމަށް ކުޅެދީފައެވެ. އޭނާއަށް މި އެވޯޑް ލިބިފައިވަނީ 1895 ޕޮއިންޓު ލިބިގެންނެވެ.