ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން، ޝީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "އަންބަލަން މާހެފުން 2026" ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު އިފްތިތާހުކޮށްދެއްވައިފިއެވެ. އެކަމަނާ ވަނީ އަންބަލަން އިފްތިތާހުކޮށްދެއްވައި އަންބަލަން ބައްލަވާލައްވާފައެވެ.
"އަންބަލަން މާހެފުން 2026" ޙަރަކާތަކީ ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން، ޝީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.
އަންބަލަން ހަރަކާތްކުރިއަށްދާނީ މިމަހުގެ 7 އިން 8 އަކަށް އާޓިފިޝިއަލް ބީޗް ސަރަހައްދުގައެވެ. އެގޮތުން ހަވީރު 4 އިން ރޭގަނޑު 11 އަށް ހަރަކާތް ކުރިއަށްދާނެއެވެ. މި ހަރަކާތުގައި ވިޔަފާރި ސްޓޯލްތަކާއި ޝީއިން ދޭ ބައެއް ޚިދުމަތްތަކުގެ މައުލޫމާތާއި، ފުޑް ސްޓޯލްއެއްގެ އިތުރުން ޖަންބަލް ސޭލްއެއް ކުރިއަށްދާނެއެވެ. އަދި ހަވީރު ގަޑީގައި ކުޑަކުދިންނަށް ޚާއްސަ ސްޓޭޖް ހަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށް ޝީއިން ވިދާޅުވިއެވެ.
މި ހަރަކާތުގެ ތެރެއިން ޝީއިން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ހަކުރު ޓެސްޓުކުރުމާއި، ލޭގެ ޕްރެޝަރު ބެލުމާއި، އިސްކޮޅާއި ގުޅުވައިގެން ބަރުދަން ހުރި މިންވަރު ބެލުމާއި، ހިމޯގްލޮބިން ޗެކްކުރެވޭނެއެވެ.
ޝީއިން ވިދާޅުވީ އަންބަލަން ހަރަކާތަކީ އެ ޖަމިއްޔާއިން ދެމުންދާ ޚިދުމަތްތަކަށް އާންމު އަހުލުވެރިކުރުވުމުގެ އިތުރުން އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.
ރަމަޟާންމަހާއި ދިމާކޮށް ޘަޤާފީ އާދަކާދާއިގެ ތެރެއިން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި، އެ ޖަމުއިއްޔާގެ މަޤްސަދަކީ އެ ސަގާފަތް ދިރުވުންކަމަށެވެ. މިއީ ކޮންމެ އަހަރެއްގެ ރަމަޟާންމަހާއި ދިމާކޮށް ޝީއިން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ.